ކުޑަކުދީންނަކީ މައިންބަފައިންނާ ޙަވާލުކުރައްވާފައިވާ އަގުހުރި އަމާނާތެއް ކަމަށާއި، ކޮންމެ ޙާލެއްގައިވެސް އެކުދީންގެ ޙައްޤުތައް ފުރިހަމައަށް ރައްކާތެރިކޮށްދިނުމަކީ މުޅި މުޖުތަމަޢުގެ މައްޗަށް އޮތް ވާޖިބެއް ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މިއަދު އިއްވި ހުކުރު ޚުޠުބާ ޚާއްޞަކޮށްފައިވަނީ ”ކުޑަކުދީންގެ ޙައްޤުތައް“ މި މައުޟޫޢަށެވެ.
ޚުޠުބާގައި ފާހަގަކުރެއްވި ގޮތުގައި، ވޭތުވެދިޔަ ހަފުތާއަކީ ހިތާމަވެރި ޚަބަރުތަކެއް އިވިގެންދިޔަ ދުވަސްތަކެއްކަމަށެވެ. އެގޮތުން ނުރައްކާތެރި އެކްސިޑެންޓެއްގައި ބޮޑެތި އަނިޔާތަކެއް ލިބުނު މަޢުޞޫމު ކުއްޖަކަށް ފަރުވާދެމުންދަނިކޮށް ނިޔާވި ޚަބަރާއި، ޢިމާރާތެއްގެ މަތިން ވެއްޓި ތުއްތު ކުއްޖަކު ނިޔާވި ހިތްދަތި ޙާދިޘާ ޚުޠުބާގައި ހަނދާންކޮށްދެއްވިއެވެ. އަދި އެ ކުދީންނަށް ހެޔޮ ދަރުމަ މިންވަރުކުރައްވައި، ޢާއިލާތަކަށް ކެތްތެރިކަން ދެއްވުން އެދި ދުޢާކުރެއްވިއެވެ.
މީގެއިތުރުން، ކުޑަކުދީންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ބައިނަލްއަޤްވާމީ މުޢާހަދާތަކާއި ޤާނޫނުތައް ވުޖޫދަށް އައުމުގެ މާކުރިން، އިސްލާމީ ޝަރީޢަތުގައި އެކުދީންގެ ޙައްޤުތައް އެންމެ ފުރިހަމައަށް ކަށަވަރުކޮށްދީފައިވާކަން ޚުޠުބާގައި ބަޔާންކުރެއްވިއެވެ. އެގޮތުން ކުދީންނަށް އިހުމާލުނުވުމަށާއި، ދަރީން މެރުން ނަހީކުރައްވައި، ކޮންމެ ކުއްޖަކަށްވެސް ރައްކާތެރި އަދި އަމާން މާޙައުލެއް ހޯދައިދިނުމަކީ ލާޒިމުކަމެއް ކަމުގައި ޤުރްއާނުގެ އާޔަތްތަކުން ދަލީލުދައްކަވަމުން ވިދާޅުވިއެވެ.
ހަމައެއާއެކު، ކުއްޖަކު ދުނިޔެއަށް އުފަންވުމުން ރިވެތި ނަމެއް ކިޔައިދިނުމާއި، އިސްލާމީ ރިވެތި ޝަޚުޞިއްޔަތެއްގެ މަތީގައި ތަރުބިއްޔަތު ކުރުމުގެ މުހިންމުކަމަށްވެސް އަލިއަޅުއްވައިލެއްވިއެވެ. އަދި އަނިޔާވެރިކަމާއި، ތަފާތުކުރުންތަކާއި، ގަނާކުރުން (ބުލީކުރުން) ފަދަ ނުރަނގަޅު ޢަމަލުތަކުން ކުޑަކުދީން ދުރުހެލިކޮށް ރައްކާތެރިކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމުގައި ޤުދުސިއްޔަ ޙަދީޘްގެ އަލީގައި ހަނދާންކޮށްދެއްވިއެވެ.
ޚުޠުބާ ނިންމަވާލައްވަމުން، ދަރީން ތަރުބިއްޔަތު ކުރުމުގައި ޢިލްމާއި އަޚުލާޤުގެ އިތުރުން ރޫޙާނިއްޔަތަކީ ވަރަށް މުހިންމު އަސާސެއް ކަމަށާއި، ނަމާދަށް އަހުލުވެރިކުރުވުމަށާއި، ކުދީންގެ ހިތްތަކުގައި ﷲ ތަޢާލާއާ އޮންނަ ގުޅުން ވަރުގަދަކޮށްދިނުމަށް ހުރިހާ ބެލެނިވެރީންނަށް ނަޞޭޙަތްތެރިވެވަޑައިގެންނެވިއެވެ.













