ބީޖޭޕީ ސަރުކާރުގެ ކޮރަޕްޝަނާ ގުޅިގެން ސުވާލުކުރި 2 ނޫސްވެރިންނަކީ މުސްލިމުންކަން އެނގުމުން ދިއްލީ ފުލުހުންގެ ނުލަފާކަން ދައްކާލާ އެ 2 ނޫސްވެރިންނަށް އަނިޔާކޮށްފިއެވެ.
އިންޑިއާގެ ވެރިރަށް ދިއްލީގައި ހިނގި ހާދިސާއެއްގައި، މުސްލިމުންކަން އެނގުމުން ފުލުހުން އެމީހުންނަށް ކުރި އަނިޔާތައް އިތުރަށް ވަރުގަދަކުރި ކަމަށް ބުނެ އެ 2 އަންހެން ނޫސްވެރިން ވަނީ ތުހުމަތުކޮށްފައެވެ. މި ހާދިސާ ސިޔާސީ ޕާޓީތަކުންނާއި ނޫސްވެރިންގެ ޖަމްޢިއްޔާތަކުން ވަނީ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.
މި ހާދިސާ ހިނގާފައިވަނީ ސެޕްޓެމްބަރު 3 ވީ ބުރާސްފަތި ދުވަހުއެވެ. މި އަނިޔާގެ ޝިކާރައަކަށް ވެފައިވަނީ މަޤްބޫލު ޔޫޓިއުބް ޗެނަލް ”4pm ނިއުސް ނެޓްވޯކް“ އަށް މަސައްކަތްކުރާ ފްރީލާންސް ނޫސްވެރިޔާ ޝާހީން ޚާން އާއި އޭނާގެ އެކުވެރި ނޫސްވެރިޔާ ނަފީސާ ޚާން އެވެ. އެ ދެ ނޫސްވެރިން ހަރަކާތްތެރިވަމުން ދިޔައީ ދިއްލީގެ ޗީފް މިނިސްޓަރު ރޭކާ ގުޕްތާ އަދި ޔޫނިއަން ހޯމް މިނިސްޓަރު އަމިތު ޝާހު ބައިވެރިވެވަޑައިގެންނެވި އިވެންޓެއް ކަވަރުކުރުމުގައެވެ.

ޝާހީން ޚާން ސާކެތު ޕޮލިސް ސްޓޭޝަނުގައި ހުރެ ނެގި ވީޑިއޯ ރިޕޯޓެއްގައި ބުނެފައިވަނީ، ޗީފް މިނިސްޓަރާއި ހޯމް މިނިސްޓަރާ ސުވާލުކުރުމުން ފުލުހުން އެމީހުން ގަދަކަމުން ދަމާފައި ޕޮލިސް ސްޓޭޝަނަށް ގެންދިޔަ ކަމަށެވެ. އަދި ނަން އެހުމުން އެއީ ”ޚާން“ ކަމަށް ބުނުމާއެކު، އެއީ މުސްލިމުންކަން އެނގި ފުލުހުންގެ އަނިޔާވެރިކަން އިތުރުވެ، ދަނޑިބުރިންނާއި އަތުން ތަޅައި އަނިޔާކުރި ކަމަށް ޝާހީން ބުންޏެވެ. މި ވީޑިއޯގައި ނަފީސާ ހޭނެތޭވަރަށް އަނިޔާކުރި މަންޒަރާއި، ނޫސްވެރިޔާ ޝާހީން ޚާން އަދި ނަފީސާގެ ގައިގެ އެކި ތަންތަނުގައި ލަކުނު ހުރި މަންޒަރު ފެނެއެވެ. އަދި ޝާހީން ޚާންވެސް ހޭނެތިފައިވާ މަންޒަރު ފެނެއެވެ. ސޯޝަލް މީޑިއާގައި އާންމުވި ފޮޓޯތަކުން ފެންނަ ގޮތުގައި ނަފީސާ އަށް ހިނގޭވަރު ނުވުމުން އޭނާ ސްޓޭޝަނުން ނެރެފައިވަނީ އުފުލައިގެންނެވެ.
އިންޑިއާގައި މުސްލިމުންނަށް ދެމުންދާ އަނިޔާތައް ހައްދުފަހަނާއަޅާފައިވުމަކީ އާ ކަމެއްނޫނެވެ. މޯދީގެ ބީޖޭޕީ ސަރުކާރުގެ ޕޮލިސީއަކީ މުސްލިމު އާބާދީއަށް ނިކަމެތިކަންދިނުން ކަން މިއީ ދުނިޔެއަށް ދައްކަމުންދާ މަންޒަރު ކަމަށް އިންޑިއާގެ ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.
Two Muslim women journalists have been brutally tortured in a Delhi police station, for asking questions to Modi’s Chief Minister! It is dangerous to be a woman or a Muslim or a journalist in Modi-ruled India. pic.twitter.com/p5eR8ap54b
— Ashok Swain (@ashoswai) September 3, 2026
”4pm ނިއުސް ނެޓްވޯކް“ ގެ އެޑިޓަރ-އިން-ޗީފް ސަންޖޭ ޝަރުމާ ސޯޝަލް މީޑިއާގައި ލިޔުއްވި ގޮތުގައި، ވެރިކަންކުރާ ފަރާތްތަކާ ސުވާލުކުރުމަކީ ކުށަކަށް ވީ ކޮން އިރަކުތޯއާއި، ނަމުގައި ’ޚާން‘ އޮތުމަކީ އަނިޔާކުރަންޖެހޭ ސަބަބެއްތޯ ސުވާލު އުފައްދަވާފައެވެ.

މި މައްސަލައާ ގުޅިގެން ޑިޖިޕަބް (Digipub)، ޕްރެސް ކްލަބް އޮފް އިންޑިއާ (ޕީސީއައި)، އިންޑިއަން ވިމެންސް ޕްރެސް ކޯޕްސް (އައިޑަބްލިއުޕީސީ)، އަދި ދިއްލީ ޔޫނިއަން އޮފް ޖާނަލިސްޓްސް ހިމެނޭހެން ގިނަ ޖަމްޢިއްޔާތަކަކުން ވަނީ ބަޔާން ނެރެފައެވެ. އެ ބަޔާންތަކުގައި ފާހަގަކޮށްފައިވަނީ، ސްޓޭޝަން ހައުސް އޮފިސަރު (އެސްއެޗްއޯ) ގެ އެންގުމަށް ދެ ނޫސްވެރިން ކޮޓަރިއަކަށް ވައްދައި، އަންހެން ފުލުހުން ހިމެނޭހެން އަނިޔާކޮށް، ދީނީގޮތުން ނަފްރަތު އުފެދޭ ބަސްތަކުން މުޚާތަބުކޮށްފައިވާ ކަމަށެވެ. އަދި މިކަން މިނިވަންކަމާއެކު ތަޙުޤީޤުކޮށް، ސީސީޓީވީ ފުޓޭޖްތައް ރައްކާތެރިކުރުމަށް ދިއްލީގެ ޕޮލިސް ކޮމިޝަނަރު އަނުރާގް ކުމާރަށް ވަނީ ގޮވާލާފައެވެ.
क्या मुख्यमंत्री से सवाल पूछना अब इतना बड़ा अपराध हो गया है कि पत्रकार को पुलिस बेरहमी से पीटेगी?
आज दिल्ली में 4PM की पत्रकार शाहीन के साथ जो हुआ, वह बेहद गंभीर और डराने वाला है.
शाहीन दिल्ली की मुख्यमंत्री रेखा गुप्ता से सवाल पूछने की कोशिश कर रही थीं. शाहीन का आरोप है कि इसी… pic.twitter.com/KB3p3kGKDK
— 4PM News Network (@4pmnews_network) September 3, 2026
މީގެ އިތުރުން ކޮންގްރެސް ޕާޓީއާއި އާމް އާދްމީ ޕާޓީ (އޭއޭޕީ) ހިމެނޭހެން އިދިކޮޅު ސިޔާސީ ޕާޓީތަކުން ވެސް ވަނީ މި އަމަލު ކުށްވެރިކޮށް، އަނިޔާކުރި ފުލުހުންނާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ގޮވާލާފައެވެ.













