ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން މާލޭގައި ހިންގި ހާއްސަ އޮޕަރޭޝަނެއްގައި، ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ތިން މީހަކު ހައްޔަރުކޮށްފައިވާއިރު، އޭގެ ތެރޭގައި ”އަދަދު“ ނޫހުގެ ޕްރެޒެންޓަރެއް ހިމެނޭ ކަމަށް މައުލޫމާތު ލިބިއްޖެއެވެ.
މި އޮޕަރޭޝަނުގައި ފުލުހުން ހައްޔަރުކޮށްފައިވަނީ ތ. ތިމަރަފުށި / ވިލާ، މަރްޔަމް ޢިޝާ އަޝްރަފް (21އ) އާއި، ކ. ހުރާ / ސާނީވިލާ، ޙުސައިން ޝާވިން (26އ) ގެ އިތުރުން ސ. ހުޅުދޫ / ރޭޝަމް، މުޙައްމަދު ނާހިލް (25އ) އެވެ. މި ތިން މީހުންގެ ތެރެއިން ”މިޔާ“ ގެ ނަމުން މަޝަހޫރު މަރްޔަމް ޢިޝާ އަޝްރަފަކީ ރާއްޖޭގައި ހިންގާ އޮންލައިން ނޫހެއް ކަމަށްވާ ”އަދަދު“ ގެ ޕްރެޒެންޓަރެއްގެ ގޮތުގައި މަސައްކަތްކުރަމުން އަންނަ ފަރާތެކެވެ.
ނަން ނުޖެހުމަށް ޝަރުތުކޮށް ”އެކި އެމްވީ“ އަށް މައުލޫމާތު ދިން ދެ މީހަކު ބުނެފައިވާ ގޮތުގައި، ޢިޝާ އަކީ މީގެ ކުރިން ވެސް މަސްތުވާތަކެތި ބޭނުންކޮށް، އޭގެ ވިޔަފާރިކުރުމުގައި އަމަލީގޮތުން ހަރަކާތްތެރިވަމުން އައި މީހެކެވެ. އަދަދު ނޫހުގެ މުވައްޒަފަކު މަސްތުވާތަކެތީގެ ބޮޑު ނެޓްވޯކެއްގެ ތެރެއިން ހައްޔަރުކުރުމާ ގުޅިގެން، ގިނަ ބައެއްގެ ފާޑުކިޔުން މިހާރު ވަނީ އެ ނޫހަށް އަމާޒުވެފައެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން މައުލޫމާތު ދިން ގޮތުގައި، މި ތިން މީހުން ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ގެންގުޅެ، އެ ތަކެތި ބޭނުންކޮށް ވިއްކައި ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން، މި މަހުގެ 2 ވަނަ ދުވަހު ހިންގި ހާއްސަ އޮޕަރޭޝަނެއްގައެވެ. މި އޮޕަރޭޝަނުގައި މާފަންނު ގެއެއް ބަލައިފާސްކުރިއިރު، 1.7 ކިލޯގެ މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެއްޗާއި، މަސްތުވާތަކެތި އެކުލެވިގެންވާ 230 ވޭޕް ކާޓްރިޖާއި، 26 ފުޅި ވޭޕް ފްލޭވަރ އަދި ބަނގުރާ ފުޅިއެއް ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ޝަރީއަތުން ވަނީ ޙުސައިން ޝާވިން އަދި މަރްޔަމް ޢިޝާ އަޝްރަފްގެ ބަންދަށް 15 ދުވަސް، އަދި މުޙައްމަދު ނާހިލްގެ ބަންދަށް 5 ދުވަސް ޖަހައިދީފައެވެ.
ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.













