ޔޫކްރެއިން ހަނގުރާމަ ނިންމާލައި، ސުލްޙައިގެ އެއްބަސްވުމެއްގައި ސޮއިކުރަން ރަޝިޔާއިން ތައްޔާރުނަމަ، ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕޫޓިންއާއެކު އިތުރު ސަމިޓެއް ބޭއްވުމަށް ތައްޔާރުކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ. އޯވަލް އޮފީހުގައި ނޫސްވެރިންނަށް މަޢުލޫމާތު ދެމުން ޓްރަމްޕް ބުނީ، ޕޫޓިންއާއެކު މިހާރުން މިހާރަށްވެސް ބައްދަލުވުމެއް ބޭއްވިދާނެ ކަމަށެވެ.
ނަމަވެސް، އޭނާ ބޭނުންވަނީ ހަމައެކަނި ބައްދަލުވުމެއް ބޭއްވުމުގެ ބަދަލުގައި، ހަނގުރާމަ އެއްކޮށް ނިމުމަކަށް އަންނަ ވަގުތު ސުލްޙައިގެ އެއްބަސްވުމެއްގައި ސޮއިކުރުމަށް ކަމަށް ޓްރަމްޕު ބުންޏެވެ. އަދި ރަޝިޔާ އާއި ޔޫކްރެއިންއާއެކު ރަނގަޅު ގުޅުމެއް ބޭއްވުމަކީ ވިޔަފާރިއަށްވެސް ފައިދާހުރި ކަމެއްކަން އޭނާ ފާހަގަކުރިއެވެ.
މި ވާހަކަތަކާ ގުޅިގެން ކްރެމްލިންއިން ވަނީ ސުލްޙައިގެ ވާހަކަތަކަށް ފުރުޞަތު އޮތްކަމަށް ބުނެފައެވެ. ނަމަވެސް ޔޫކްރެއިންގެ ރައީސް ވްލަޑިމިއަރ ޒެލެންސްކީ ވަނީ ރަޝިޔާއިން ހަނގުރާމަ އިތުރަށް ވަރުގަދަކުރުމަށް ތައްޔާރުވަމުންދާކަމުގެ އިންޒާރު ދެއްވާފައެވެ.













