މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ނުލިބި ހުރި ފައިސާ ހޯދުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، މިއަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި 3.48 ބިލިއަން ރުފިޔާ ދައުލަތަށް ހޯދައިފިއެވެ.
މީރާއިން އާންމުކޮށްފައިވާ މިއަހަރުގެ ފުރަތަމަ ދެ ކުއާޓަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ނުލިބި ހުރި ފައިސާގެ ބޮޑުބައެއް ހޯދާފައިވަނީ އަހަރުގެ ފުރަތަމަ ކުއާޓަރުގައެވެ. އެގޮތުން ފުރަތަމަ ކުއާޓަރުގައި 2.09 ބިލިއަން ރުފިޔާ ހޯދާފައިވާއިރު، ދެވަނަ ކުއާޓަރުގައި ހޯދާފައިވަނީ 1.39 ބިލިއަން ރުފިޔާއެވެ.
ދައުލަތަށް ލިބެންޖެހޭ ޓެކްސް އަދި ޓެކްސް ނޫން އާމްދަނީ ހޯދުމަށްޓަކައި އެޅި އެކި ފިޔަވަޅުތަކުގެ ތެރެއިން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ނޯޓިސް ފޮނުވައިގެންނެވެ.
ފުރަތަމަ ދެ ކުއާޓަރުގައި ފިޔަވަޅު އަޅައިގެން ފައިސާ ހޯދި ގޮތުގެ ތަފްސީލު:
- ޑަނިންގް / ނޯޓިސް ފޮނުވައިގެން: 2.39 ބިލިއަން ރުފިޔާ
- ޑިއުސް ކްލިއަރެންސްގެ ގޮތުގައި: 861.19 މިލިއަން ރުފިޔާ
- ފޯނާއި އީމެއިލް މެދުވެރިކޮށް ހަނދާންކޮށްދީގެން: 192.38 މިލިއަން ރުފިޔާ
- ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން އާންމުކޮށްގެން: 21.45 މިލިއަން ރުފިޔާ
- ބޭންކް އެކައުންޓް ފްރީޒްކޮށްގެން: 14.54 މިލިއަން ރުފިޔާ
މީގެއިތުރުން، ޓެކްސް ބަޔާން ހުށަނާޅާ ފަރާތްތަކަށާއި ފައިސާ ނުދައްކާ ފަރާތްތަކަށް ފަހުގެ ނޯޓިސް ފޮނުވުމުގެ މަސައްކަތްވެސް މީރާއިން ވަނީ ފުޅާ ދާއިރާއެއްގައި ކުރިއަށް ގެންގޮސްފައެވެ. އެގޮތުން ބަޔާން ހުށަނާޅާ 20،000 އަށްވުރެ ގިނަ ފަރާތަކަށާއި، ފައިސާ ނުދައްކާ 12،000 އަށްވުރެ ގިނަ ފަރާތަކަށް ފުރަތަމަ ހަ މަސް ދުވަހު ވަނީ ފަހުގެ ނޯޓިސް ފޮނުވާފައެވެ.
ޓެކްސް ނެގުމާ ބެހޭ އިދާރީ ޤާނޫނަށް ގެނެވުނު އިސްލާހުތަކާއެކު، ޓެކްސް ބަޔާން ހުށަނާޅާ ފަރާތްތައް އޮޑިޓްކުރުމުގެ ބާރު މީރާއަށް ވަނީ އިތުރަށް ލިބިދީފައެވެ. މި ބާރުގެ ދަށުން ފުރަތަމަ ހަ މަސް ދުވަހު ޖުމްލަ 73 އޮޑިޓެއް ފުރިހަމަކޮށް، ޓެކުހުގެ ގޮތުގައި އިތުރަށް ދައްކަންޖެހޭ 92.27 މިލިއަން ރުފިޔާ ހޯދުމަށް ވަނީ އަންގާފައެވެ.
ހަމައެއާއެކު، ވިޔަފާރިތަކުން ޤާނޫނާއި ޤަވާއިދުތަކަށް ބޯލަނބާ މިންވަރު ދެނެގަތުމަށްޓަކައި، މިއަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި ޖުމްލަ 2،612 ކޮމްޕްލައެންސް ޒިޔާރަތް އެ އިދާރާގެ އޮފިޝަލުން ވަނީ ކޮށްފައެވެ.
މީރާއިން ދަނީ ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް، ޤަވާއިދާ އެއްގޮތަށް ފައިސާ ނުދައްކާ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅުތައް ވަރުގަދަކުރަމުންނެވެ.













