ވިލިމާލެ ހޮސްޕިޓަލުން ދެމުން އަންނަ ހިދުމަތްތައް ވަގުތީ އިމާރާތަކަށް ބަދަލުކުރުމުގެ އަމަލީ މަސައްކަތް މި ހިނގާ ސެޕްޓެމްބަރު މަހުގެ މެދުތެރޭގައި ފެށުމަށް ހަމަޖެހިފައިވާ ކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމް ވިދާޅުވެއްޖެއެވެ.
ވިލިމާލެ ހޮސްޕިޓަލް ހިންގަމުންދާ ބިމުގައި ޒަމާނީ ފެންވަރުގެ ޓާޝަރީ ހޮސްޕިޓަލެއް ތަރައްގީކުރުމަށްޓަކައި، އެ ހޮސްޕިޓަލުން މިހާރު ދެމުންދާ ހިދުމަތްތައް ވަގުތީ ގޮތުން ބަދަލުކުރުމަށް ނިންމާފައިވަނީ ވިލިމާލޭގައި ހުންނަ ކުރީގެ އަމާން ހިޔާ އިމާރާތަށެވެ. ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ޢަބްދުއްރައްޒާޤް ޙަލީމް ވިދާޅުވީ، ހިދުމަތްތައް ވަގުތީ އިމާރާތަށް ބަދަލުކުރުމަށް ވާންޖެހޭ ތައްޔާރީތަކުގެ ތެރެއިން މިހާރު ކުރިއަށްދަނީ އިމާރާތުގެ ފިނިޝިން މަސައްކަތްތަކާއި ލިފްޓެއް ހަރުކުރުމުގެ މަސައްކަތް ކަމަށެވެ.
އަދި މި ބަދަލު ގެނައުމަށް ހަމަޖެހިފައިވަނީ ބައިބަޔަށް ބަހާލައިގެން، އާންމު ރައްޔިތުންނަށް ސިއްހީ ހިދުމަތް ހޯދުމުގައި އެއްވެސް ދަތިކަމެއް ނުވަތަ ބުރޫއެރުމެއް ނާންނާނެ ފަދަ އިންތިޒާމުތަކާ އެކުގައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
”ވަގުތީ އިމާރާތުގެ ފިނިޝިން މަސައްކަތްތައް މިހާރު ދަނީ ކުރަމުންް. ވަގުތީ އިމާރާތަކީ ކުރިން ލިފްޓެއް ހުރި ތަނެއް ނޫން. އެހެންކަމުން އެތަނުގައި ބެޑް ލިފްޓެއް ހަރުކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ދަނީ ކުރަމުން. ލިފްޓް ބެހެއްޓިގެން އިތުރު ފަންގިފިލާއަށް ޚިދުމަތްތައް ބަދަލުކުރެވޭނީ. ގްރައުން ފްލޯއިން ދޭ ޚިދުމަތްތައް ފުރަތަމަ ބަދަލުކުރެވިގެންދާނީ،“ – ޢަބްދުއްރައްޒާޤް ޙަލީމް ވިދާޅުވިއެވެ.
އަމާން ހިޔާއަށް އެންމެ ފުރަތަމަ ބަދަލުކުރުމަށް ހަމަޖެހިފައިވަނީ އިމަޖެންސީ ހިދުމަތްތަކާއި، އޯޕީޑީ އަދި ވެކްސިން ޖެހުމުގެ ހިދުމަތްތައްްކަން ފާހަގަކޮށްލަންޖެހެއެވެ.
ވިލިމާލޭގައި މިހާރު ހުރި ހޮސްޕިޓަލުގެ ބައު އިމާރާތް ތަޅާލައި، އެތަނުގައި 100 އެނދުގެ ޓާޝަރީ އާ ހޮސްޕިޓަލެއް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫއަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ ހޮސްޕިޓަލުގެ ޑީޓެއިލް ޑިޒައިން އެކުލަވައިލުމުގެ މަސައްކަތްތަކެވެ. މި މަޝްރޫއު ނިމުމުން ވިލިމާލޭގެ ރައްޔިތުންނަށް ފެންވަރު ރަނގަޅު ސިއްހީ ހިދުމަތްތައް ފަސޭހަކަމާއެކު ލިބިގެންދާނެ ކަމަށް ގިނަ ބަޔަކު ދެކެއެވެ.













