މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) ގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއަރޕާސަން އަދި މެންބަރު ކަމުގެ މަގާމަށް، ވިޔަފާރީގެ ދާއިރާގައި ގިނަގުނަ ތަޖުރިބާތަކެއް ހޯއްދަވާފައިވާ ޢަބްދުﷲ ފާއިޒް އައްޔަންކޮށްފިއެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މި މަގާމަށް ފާއިޒު އައްޔަންކޮށްފައިވަނީ އިއްޔެއެވެ.
އޮސްޓްރޭލިއަން އިންސްޓިޓިއުޓް އޮފް ބިޒްނަސްއިން މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން (އެމްބީއޭ) ހާސިލުކުރައްވާފައިވާ ފާއިޒަކީ މީގެކުރިން ވެސް ސަރުކާރު ހިއްސާވާ ބޮޑެތި ކުންފުނިތަކުގެ އިސް މަގަމުތަކެއް ފުރުއްވާފައިވާ ތައުލީމީ ބޭފުޅެކެވެ. އެގޮތުން 2019 ވަނަ އަހަރު މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) ގެ ޗެއަރމަންކަމުގެ އިތުރުން، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ބޯޑުގެ ޗެއަރމަންކަން ވެސް އޭނާ ވަނީ ކާމިޔާބުކަމާއެކު އަދާކުރައްވައިފައެވެ.
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑްގެ ޗެއަރޕަރސަން ކަމުގެ މަޤާމަށާއި، ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަޤާމަށް، މއ.ދޭލިޔާގެ ޢަބްދުﷲ ފާއިޒް ވަނީ އައްޔަނުކޮށްފައި. pic.twitter.com/dt4S95Qfkn
— Privatization & Corporatization Board (@pcb_gov) September 1, 2026
ވިޔަފާރިއާއި ފަތުރުވެރިކަމުގެ ސިނާއަތުގައި 30 އަހަރަށްވުރެ ގިނަ އަހަރުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ފާއިޒް ވަނީ ރާއްޖޭގެ މަޝްހޫރު އަމިއްލަ ކުންފުނިތަކުގެ އިސް ޒިންމާތަކެއް ވެސް އުފުއްލަވާފައެވެ. އޭގެ ތެރޭގައި އޭޑީކޭ ޓްރޭޑް އެންޑް ޝިޕިންގގެ މެނޭޖިންގ ޑިރެކްޓަރުކަމާއި، ވިލާ ޝިޕިންގ އެންޑް ޓްރޭޑިންގގެ ޑިރެކްޓަރ ޓު ދަ ޗެއަރމަންގެ މަގާމުގެ އިތުރުން ވިލާ ހޮޓެލްސްގެ ޑިރެކްޓަރ އޮފް މާކެޓިންގ އެންޑް ޕްރޮމޯޝަންސްގެ މަގާމު ފާހަގަކޮށްލެވެއެވެ. މީގެއިތުރުން ކޭޓަރިންގ އަދި ލޮޖިސްޓިކްސްގެ ދާއިރާއިން ވެސް އޭނާ ވަނީ ފާހަގަކޮށްލެވޭ ފަދަ ހިދުމަތްތަކެއް ކުރައްވައިފައެވެ.
ފާއިޒަކީ ރާއްޖޭގައި ވިޔަފާރިއާ ގުޅުންހުރި މުހިންމު އެތައް ޖަމިއްޔާތަކެއް އުފެއްދެވުމުގައި ވެސް އިސް ދައުރެއް އަދާކުރައްވާފައިވާ، ދާއިރާގެ އިހުތިރާމް ލިބިވަޑައިގެންފައިވާ ބޭފުޅެއްކަން ފާހަގަކޮށްލަންޖެހެއެވެ.













