ހުޅުމާލެ ފޭސް 2 ގައި ކާރަކާއި ސައިކަލެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި 62 އަހަރުގެ ދިވެހި ފިރިހެންމީހާ، ބޮލުގެ އޮޕަރޭޝަނެއް ކުރުމަށްފަހު އައިސީޔޫގައި ފަރުވާދޭން ފަށައިފިއެވެ.
ފުލުހުން މައުލޫމާތު ދެއްވި ގޮތުގައި މި އެކްސިޑެންޓް ހިނގާފައިވަނީ 2026 އޯގަސްޓް 31 ވީ ހޯމަ ދުވަހުގެ ހެނދުނު 07:36 ހާއިރުއެވެ. އެކްސިޑެންޓް ހިނގީ ހުޅުމާލެ ފޭސް 2 ގެ ދުނބުރިގަސް މަގާއި ހީނާމާ ހިނގުން ގުޅުނު ހަތަރުއަނގޮޅި ކަންމަތީގައި ކާރަކާއި ސައިކަލެއް ޖެހިގެންނެވެ.
މި ހާދިސާގައި ސައިކަލު ދުއްވަން އިން 62 އަހަރުގެ ދިވެހި ފިރިހެން މީހާއަށް ސީރިއަސް އަނިޔާތަކެއް ލިބުމާ ގުޅިގެން، ވަގުތުން ވަނީ ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފަށާފައެވެ.
އާއިލާއިން ފުލުހުންނަށް މައުލޫމާތު ދީފައިވާ ގޮތުގައި، އެކްސިޑެންޓްގެ ސަބަބުން އޭނާގެ ސިކުނޑީގެ ކަނާތް ފަރާތަށް ލޭއެޅިފައިވާތީ، 2026 އޯގަސްޓް 31 ވަނަ ދުވަހު ވަނީ ބޮލުގެ ކުއްލި އޮޕަރޭޝަނެއް ކޮށްފައެވެ. އަދި އޮޕަރޭޝަނަށްފަހު މިހާރު އޭނާއަށް ފަރުވާ ދެމުންދަނީ ޓްރީޓޮޕް ހޮސްޕިޓަލުގެ އައި.ސީ.ޔޫގައެވެ.
ފުލުހުން ދަނީ މި އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބު އިތުރަށް ތަހުގީގު ކުރަމުންނެވެ.













