ރާއްޖޭގެ 2 އަތޮޅެއް ފިޔަވައި އެހެން ހުރިހާ އަތޮޅަކުން މަސްވެރިންނަށް އެސްޓީއޯގެ ކޮންޓްރޯލް ރޭޓުގައި ތެޔޮ ފޯރުކޮށްދެވޭނެ އިންތިޒާމު ސަރުކާރުން މިހާރު ހަމަޖައްސައިދީފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ޝިޔާމް ވިދާޅުވީ، މި އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން މެދުއިރުމަތީގެ މަސްރަހަށް އައި ބަދަލުތަކާއެކު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އިންތިހާއަށް އުފުލިގެން ދިޔަ ކަމަށެވެ. އަދި އޭގެ ސަބަބުން ދަތުރުތަކުގެ ހަރަދު ބޮޑުވެ، މަހަށް ނުފުރި މަސްވެރިން ތިބެންޖެހުނު ދަތި މައްސަލައަށް ސަރުކާރުން އަވަސް އަދި އަމަލީ ހައްލެއް ހޯދައިދީފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އެގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ މަތިން އެޅުއްވި އެންމެ މުހިންމު ފިޔަވަޅަކީ، އެސްޓީއޯގެ ކޮންޓްރޯލް ރޭޓުގައި މަސްވެރިންނަށް ތެޔޮ ލިބޭނެ މަގު ތަނަވަސްކޮށްދެއްވުން ކަމުގައި މިނިސްޓަރު ފާހަގަކުރެއްވިއެވެ.
އަދި ހަމައެހެންމެ، މ. އަތޮޅާއި ލ. އަތޮޅު ފިޔަވައި ރާއްޖޭގެ އެހެން ހުރިހާ އަތޮޅުތަކުން އެސްޓީއޯ ރޭޓުގައި މަސްވެރި އުޅަނދުފަހަރަށް މިހާރު ތެޔޮ ދޫކުރަމުންދާ ކަމަށް މިނިސްޓަރު ޝިޔާމް ވިދާޅުވިއެވެ. މ. އަދި ލ. އަތޮޅުގައި އެސްޓީއޯގެ ފިއުލް ޝެޑްތައް ގާއިމުކުރުމަށްޓަކައި ވާންޖެހޭ އިދާރީ އަދި ފަންނީ ތައްޔާރީތައް ހަލުވި ދުވެލީގައި ކުރިއަށްދާކަން ހާމަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެ ދެ އަތޮޅުންވެސް މި ހިދުމަތް މަސްވެރިންނަށް ލިބެން ފަށާނެ ކަމަށެވެ.
އާންމު މަސްވެރިންގެ އިތުރުން ބޮޑު ކަންނެލީގެ މަސްވެރިކަން ކުރާ ފަރާތްތަކަށްވެސް މި ލުއިފަސޭހަކަން ލިބިގެންދާނެހެން، ހެޔޮއަގުގައި ތެޔޮ ފޯރުކޮށްދިނުމުގެ އިންތިޒާމު ސަރުކާރުން މިހާރު ވަނީ ހަމަޖައްސައިފައެވެ.










