ރާއްޖެއަށް ގިނަ އަދަދެއްގެ މަސްްތުވާތަކެތި އެތެރެކުރަން މަސައްކަތްކުރި ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން މީސް މީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި ބުނެފައިވަނީ، 29 އޮގަސްޓް 2026 ވީ ހޮނިހިރު ދުވަހު، ވައިގެ މަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު ދެ ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށާއި އެއީ ކެނެބިސްގެ ބާވަތެއް ކަމަށެވެ.
މިތަކެތި އަތުލައިގަނެފައިވަނީ އިންޑިއާއިން ރާއްޖެއަށް އައި އިންޑިއާ ފަސިންޖަރެއްގެ ލަގެޖުގައި މަސްތުވާތަކެތި ރައްކާކޮށްގެން ގެނެސްފައިވާ ކަމަށް ޝައްކުކުރެވިގެން، އެ ފަސިންޖަރުގެ ލަގެޖު ބަލައިފާސްކުރުމުގެ ތެރޭގައި ކަމަށް ކަސްޓަމްސްއިން ބުންޏެވެ. ކަސްޓަމްސްއިން ވަނީ މި މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހާގެ ވަނަވަރު ވެސް އާންމުކޮށްފައެވެ.
29 އޮގަސްޓް 2026 ވަނަ ދުވަހު ވައިގެމަގުން ރާއްޖެއެތެރެކުރަން އުޅުނު 2 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފި.
🔹ބާވަތް: ކެނަބިސް
🔹 ބަރުދަން: 2000 ގްރާމް pic.twitter.com/yu8EGK8Hzu— Maldives Customs Service (@CustomsMv) August 31, 2026
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ޝަނަވާސް މަލަޔިލް ނަމަކަށް ކިޔާ އިންޑިއާގެ ރައްޔިތެކެވެ. އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހުގެ މުއްދަތަކަށް އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. ކޯޓު އަމުރުގައިވާ ގޮތުން އޭނާ ބަންދުން ދޫކޮށްލައިފިނަމަ، މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށްޓަކައި ބަންދުގައި އޭނާ ބަހައްޓަން ވަނީ ނިންމައިފައެވެ.
އަދި ތުހުމަތުކުރެވޭ ކޮންމެ ވެސް މިންވަރެއްގެ ހެކި ހުށަހަޅާފައިވާ ކަމަށް ކޯޓު އަމުރުގައި ފާހަގަކޮށްފައިވެއެވެ.













