ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ އަދަދު މަދުކުރުމަށް އެންމެ ބޮޑަށް ގޮވާލަނީ، އިދިކޮޅު ފަރާތްތަކުން ކަމަށާއި، ނަމަވެސް އެކަން އެގޮތަށް ކުރުމުން ވެސް އެކަމާ އެންމެ ބޮޑަށް ނުރުހުން ފާޅުކުރަނީ އެ ފަރާތްތަކުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މި މޭރުމުން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުން މި ފަހުން ފާސްކުރި 7 ބިލެއް ތަސްދީގުކުރެއްވުމަށްފަހު، އެ 7 ބިލާ ގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތުދެއްވަމުންނެވެ. ރައީސް ވިދާޅުވީ މި ސަރުކާރަށް ވުރެ ބޮޑަށް ހަރަދު ކުޑަކުރުމަށް މަސައްކަތްކުރި އެއްވެސް ސަރުކާރެއް ނެތް ކަމަށެެވެ. އަދި ހަމައެހެންމެ، ސަރުކާރު ހިއްސާވާ ކުންފުނިތައް ރައިޓް ސައިޓް ކުރުމަށްޓަކައި އެތައް ސަތޭކަ މުވައްޒަފުންނެއް މަދުކުރުމުގެ މަސައްކަތް މިހާރު ވެސް ކުރަމުން އަންނަކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި، ރައިޓް ސައިޒް ކުރުމުގެ މަސައްކަތް އެއްކޮށް ނިމޭއިރު ސަރުކާރު ހިއްސާވާ ކުންފުނިތަކުން 6،000 އެއްހައި މުވައްޒަފުން މަދުވާނެއެވެ. އެހެންކަމުން މި ވެރިކަން ފެށުނުއިރު، ކުންފުނިތަކުގައި ތިބި މުވައްޒަފުންނަށްވުރެ އެތައް ގުނައެއް މުވައްޒަފުންގެ އަދަދު މަދުވާނެ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
”އިރާދަކުރެއްވިއްޔާ މިހާރު ހިނގާ ރައިޓް ސައިޒުކުރުމުގެ މަސައްކަތް ނިމޭއިރުގައި ވެއްދި އަދަދަށްވުރެ މަދު ކުރި އަދަދު 6،000 އެތައް މުވައްޒަފުންނެއް މަދުވާނެ މިހާރު ހިސާބުތައް ދާގޮތުން. އެހެންވީމަ އަޅުގަނޑުމެން ވެރިކަމާ ހަވާލުވިއިރުގައި އެސްއޯއީތަކުގައި ތިބި އަދަދަށްވުރެ މަދުވެގެންދާނެއޭ މާނައަކީ،“ – ރައީސް ވިދާޅުވިއެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން މިހާރަށްވުރެ ބޮޑަށް ހަރުދަނާކުރުމަށްޓަކައި ރައިޓް ސައިޒް ކުރުމުގެ ގޮތުން ކުންފުނިތަކުގައި މަސައްކަތްކުރާ 33 އިންސައްތަ މުވައްޒަފުން ވަކިކުރަން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރައިޒޭޝަން ބޯޑް (ޕީސީބީ) އިން ވަނީ މިދިޔަ ޖުލައި މަހުގެ ތެރޭގައި އަންގައިފައެވެ. އަދި އެ މަސައްކަތް 13 ޖުލައި 2026 ވަނަ ދުވަހުން ފެށިގެން ތިން މަސްދުވަހުގެ ތެރޭގައި ނިންމުމަށް ވެސް ޕީސީބީން ވަނީ އަންގައިފައެވެ.












