ކުޑަ ކުއްޖަކު އިމާރާތަކުން ވެއްޔިފައިވާ ހިތްދަތި މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވަމުންދާތީ، އެ ވީޑިއޯ އިތުރަށް ދައުރުނުކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އިލްތިމާސްކޮށްފިއެވެ.
ފުލުހުން ނެރެފައިވާ އިލްތިމާސްގައި ވަނީ، ސޯޝަލް މީޑިއާގެ އެކައުންޓްތަކާއި، ޕޭޖުތަކާއި، ގްރޫޕުތަކުން މި ވީޑިއޯ ވަގުތުން ނެގުމަށް އެންމެހާ ފަރާތްތަކަށް އެދިފައެވެ. އަދި ވީޑިއޯ ޑައުންލޯޑް ނުކުރުމަށާއި، ރީޕޯސްޓް ނުކުރުމަށާއި، މި ހާދިސާއާ ގުޅޭގޮތުން ހަގީގަތާ ޚިލާފު ވާހަކަތައް ނުފެތުރުމަށްވެސް ވަނީ ގޮވާލާފައެވެ.
ފުލުހުން ފާހަގަކޮށްފައިވާ ގޮތުގައި، މިފަދަ ވީޑިއޯތައް ދައުރުކުރުމަކީ އެ ކުއްޖާގެ ޒާތީ މިނިވަންކަމާއި ކަރާމާތަށް ސީދާ އަރައިގަނެވޭ ކަމެކެވެ. އަދި މިފަދަ ހިތްދަތި މަންޒަރުތައް ބެލުމުން، ވީޑިއޯ ބަލާ ކުޑަކުދިންނާއި ނާޒުކު ހާލަތުގައި ތިބޭ ފަރާތްތަކުގެ ނަފްސާނީ ދުޅަހެޔޮކަމަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ކަމަށްވެސް ވަނީ ބުނެފައެވެ. މީގެ އިތުރުން، ހިތާމައިގެ ތެރޭގައިވާ ކުއްޖާގެ އާއިލާއަށް މި ވީޑިއޯ ދައުރުވުމުން އިތުރު ހިތާމައާއި ނުތަނަވަސްކަން ލިބިގެންދާނެ ކަމަށްވެސް ފުލުހުން ވަނީ ފާހަގަކޮށްފައެވެ.
ހަމައެއާއެކު، ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ހިއްސާ ކުރެވިފައިވާ ވީޑިއޯ ރިޕޯޓްކޮށް، ވީ އެންމެ އަވަހަކަށް ފޮހެލުމަށް އެހެން ފަރާތްތަކަށްވެސް ބާރުއެޅުމަށް ފުލުހުން ވަނީ ގޮވާލާފައެވެ.
ފުލުހުން ވަނީ މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލައި، އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އަޅަމުންދާ ކަމަށް ހާމަކޮށްފައެވެ.










