ދިވެހިރާއްޖޭގެ ފަޅުތަކާއި ފަޅުރަށްރަށް އެކި ބޭނުންތަކަށް ކުއްޔަށް ދިނުމާއި ވަރުވާއަށް ދޫކުރުމުގެ އުސޫލުތައް ކަނޑައަޅާ ބަޔާންކުރާ އައު ބިލު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަސްދީޤުކުރައްވައިފިއެވެ.
މި ބިލަކީ މި ހިނގާ މަހުގެ 26 ވީ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 47 މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކުރި ބިލެކެވެ. ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަސްދީޤުކުރެއްވުމާ ގުޅިގެން، މީގެ ކުރިން އަމަލުކުރަމުން އައި ”ދިވެހިރާއްޖޭގެ ފަޅުރަށްރަށާ ބެހޭ ޤާނޫނު“ ވަނީ އުވިގެން ގޮސްފައެވެ.
އަލަށް ވުޖޫދުވި މި ޤާނޫނުގައިވާ ގޮތުން، ރާއްޖޭގެ ފަޅުރަށްރަށާއި ފަޅުތައް އިޤްތިޞާދީ އަދި އިޖުތިމާޢީ އެކި ބޭނުންތަކަށް ކަނޑައެޅުއްވުމުގެ އިޚްތިޔާރު ލިބިގެންވަނީ ރައީސުލްޖުމްހޫރިއްޔާއަށެވެ. އެގޮތުން ފަތުރުވެރިކަމާއި، މަސްވެރިކަމާއި، ދަނޑުވެރިކަމުގެ އިތުރުން ސިނާޢީ މަސައްކަތްތަކާއި ދައުލަތުގެ ބޭނުންތަކަށް ފަޅުރަށްރަށް އެކަށައެޅިދާނެއެވެ.
މި ޤާނޫނުގެ ދަށުން، ފަތުރުވެރިކަމާއި ސިނާޢީ ބޭނުންތަކަށް ޚާއްޞަކޮށްފައިވާ ރަށްތައް ފިޔަވައި، ރަށު ކައުންސިލްތަކުގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ ފަޅުރަށްތައް ކުއްޔަށް ދިނުމާއި ވަރުވާއަށް ދޫކުރުމުގެ ބާރު ލިބިދީފައިވަނީ އެ ރަށެއްގެ ކައުންސިލަށެވެ. އަދި އެކި ބޭނުންތަކަށް ފަޅުތައް ކުއްޔަށް ދޫކުރުމުގެ ޒިންމާ މަތިކޮށްފައިވަނީ އެ ފަޅަކާ ހަވާލުވެފައިވާ ކަމާބެހޭ ވުޒާރާއަކަށެވެ. ފަޅުތައް ކުއްޔަށް ދޫކުރެވޭނީ ބޮޑެތި އަދި މެދުފަންތީގެ ސިނާޢީ މަސައްކަތްތަކަށާއި، މަދުވެގެން އެއް މިލިއަން ރުފިޔާގެ އިންވެސްޓްމަންޓް ހިމެނޭ އިޤްތިޞާދީ މަސައްކަތްތަކަށެވެ.
ވިޔަފާރީގެ ބޭނުމަށް ފަޅުރަށްތައް ކުއްޔަށް ދޫކުރެވޭނީ ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ވިޔަފާރިތަކަށާއި، ރާއްޖޭގައި ރީ-ރަޖިސްޓްރީ ކޮށްފައިވާ ބޭރުގެ ކުންފުނިތަކަށެވެ. އަދި ވިޔަފާރި ނޫން އެހެނިހެން ބޭނުންތަކަށް އަމިއްލަ ފަރުދުންނަށާއި ޖަމްޢިއްޔާތަކަށްވެސް ފަޅުރަށް ދޫކުރުމުގެ ފުރުޞަތު އޮންނާނެއެވެ.
އެކި ބޭނުންތަކަށް ފަޅުރަށްތައް ކުއްޔަށް ދޫކުރެވޭ އެންމެ ދިގު މުއްދަތަކީ 21 އަހަރެވެ. ނަމަވެސް، މުއްދަތު އިތުރުކުރަން އެދޭ ހާލަތްތަކުގައި ޖުމްލަ 50 އަހަރަށްވުރެ ދިގުނުވާނޭހެން މުއްދަތު އިތުރުކޮށްދެވިދާނެ ކަމަށް ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ. މީގެއިތުރުން ފަޅުރަށްރަށުގެ އެކުއިޒިޝަން ފީ ކަނޑައަޅާނީ މާލީ ވުޒާރާއިންނެވެ.
ވަކި ޚާއްޞަ ބޭނުމަކަށް ކަނޑައަޅާފައި ނުވާ ފަޅުރަށްތައް ގިނަވެގެން 5 އަހަރުގެ މުއްދަތަކަށް ވަރުވާއަށް ދޫކުރެވޭނެ ކަމަށާއި، އެ މުއްދަތު އިތުރުކުރެވޭނީވެސް އިތުރު 5 އަހަރަށް ކަމަށް މި ޤާނޫނުގައިވެއެވެ.
މި ޤާނޫނާ ޚިލާފުވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމުގެ ގޮތުން، ވަރުވާއަށް ދޫކޮށްފައިވާ ރަށެއްގައި ޤާނޫނާ ޚިލާފު ޢަމަލެއް ހިންގައިފިނަމަ ބައި މިލިއަން (500،000) ރުފިޔާއާ ހަމައަށް، އަދި ކުއްޔަށް ދޫކޮށްފައިވާ ރަށްތަކާއި ފަޅުތަކުގައި ޤާނޫނާ ޚިލާފު ކަމެއް ކޮށްފިނަމަ އެއް މިލިއަން (1،000،000) ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭނެއެވެ.
ކުރީގެ ޤާނޫނުގެ ދަށުން މިހާތަނަށް ވެފައިވާ އެއްބަސްވުންތައް ސައްޙަވާނެ ކަމަށާއި، ނަމަވެސް ކުއްޔާއި ވަރުވާ ދެއްކުމުގެ އުސޫލުތައް ފިޔަވައި އެހެނިހެން ހުރިހާ މާއްދާތަކެއް އެ އެއްބަސްވުންތަކުގެ މައްޗަށްވެސް ހިނގާނެ ކަމަށް އަލަށް ޢަމަލުކުރަން ފެށި މި ޤާނޫނުގައި ވަނީ ބަޔާންކޮށްފައެވެ.









