ރ. މަޑުއްވަރީގައި ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ފުލުހުން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި ދެ މީހަކު ހައްޔަރުކޮށް، ބަންދުގެ މުއްދަތު ޖަހައިފިއެވެ.
ފުލުހުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި މި އޮޕަރޭޝަނަކީ ޑްރަގް އެންފޯސްމަންޓާއި، ރ. އަތޮޅު ޕޮލިސް އަދި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން މި މަހުގެ 28 ވަނަ ދުވަހު މަޑުއްވަރީގައި ހިންގި އޮޕަރޭޝަނެކެވެ.
މި އޮޕަރޭޝަނުގެ ތެރެއިން އެ ރަށުގެ ހަތް ގެއެއް ބަލައިފާސްކޮށްފައިވާއިރު، ޖުމްލަ ހަތް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައެވެ. ނަމަވެސް، އޭގެ ތެރެއިން ދެ މީހުން ފިޔަވައި ދެން ތިބި ފަސް މީހުން ވަނީ ފަހުން ދޫކޮށްލާފައެވެ. އަދި ބަލައިފާސްކުރުމުގެ ތެރޭގައި ފެނުނު މަސްތުވާތަކެތީގެ ވަގުތީ ބަރުދަނުގައި 53.05 ގުރާމު ހުރި ކަމަށް ފުލުހުން ވިދާޅުވިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ރ. މަޑުއްވަރީ، ބޮންތި، މުޙައްމަދު މުޢިއްޒު (27އ) އާއި، އެ ރަށު ތުނޑި، އާދަމް ޢާޞިމް (29އ) އެވެ.
ހައްޔަރުކުރި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، މުޙައްމަދު މުޢިއްޒުގެ ބަންދަށް 10 ދުވަސް އަދި އާދަމް ޢާޞިމްގެ ބަންދަށް 7 ދުވަސް ކޯޓުން ވަނީ ދީފައެވެ.
މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން އިތުރަށް ތަޙުޤީޤު ކުރަމުންދާ ކަމަށް އެ އިދާރާއިން މަޢުލޫމާތު ދެއެވެ.













