މި މަހުގެ 29 ވަނަ ދުވަހުގެ ރޭ، ހުޅުމާލެ ދެވަނަ ފިޔަވަހި ވިނަރެސް ސަރަހައްދުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި ކުއްޖާގެ ހާލު ސީރިއަސް ކަމަށާއި، ވީހާވެސް ގިނަ ބައެއްގެ ހެޔޮ ދުއާ ދަރިފުޅަށް ބޭނުންވާ ކަމަށް އެ ކުއްޖާގެ ބައްޕަ ބުނެފިއެވެ.
މީސް މީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި އެ ކުއްޖާގެ ބައްޕަ ބުނެފައިވަނީ، ދަރިފުޅުގެ ހާލު ވަރަށް ބޮޑަށް ސީރިއަސް ކަމަށާއި، އާއިލާ އާއި ރަހުމަތްތެރިންގެ ހެޔޮ ދުއާ ނުހަނު ބޮޑަށް ބޭނުންވާ ކަމަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާގައި އަނިޔާވި އުމުރުން 9 އަހަރުގެ އަންހެން ކުއްޖާއަށް އަދިވެސް އަންނަނީ ވެންޓިލޭޓަރުގައި ފަރުވާދެމުންނެވެ.
މި ހާދިސާ ހިނގި ސަރަހައްދުގެ ސީސީޓީވީ ފުޓޭޖްތައް ބަލައި ފުލުހުން މިހާތަނަށް ކޮށްފައިވާ ތަހުގީގުން އެނގިފައިވާ ގޮތުގައި، މި އެކްސިޑެންޓް ހިނގަން މެދުވެރިވީ ހިތިގަސްމަގުން ދުއްވާފައި ދިޔަ ސައިކަލެއް، ވިނަރެސް 7 ކައިރީގައި މަޑުކޮށްފައި އޮތް ކާރަކަށް އަރަން މަގާވީ ފަޅިން ހިނގާފައި ދިޔަ މީހެއްގެ ގައިގައި ޖެހި ކޮންޓްރޯލުން ނެއްޓިގެންނެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، މި އެކްސިޑެންޓުގައި އަނިޔާވެފައިވަނީ ސައިކަލު ދުއްވަން އިން 18 އަހަރުގެ ދިވެހި އަންހެނަކަށާއި، ސައިކަލުގެ ފަހަތުގައި އިން 9 އަހަރުގެ ދިވެހި އަންހެން ކުއްޖަކަށެވެ. އަނިޔާވި ދެ މީހުންނަށް ވެސް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދީފައިވާއިރު، އޭގެ ތެރެއިން 9 އަހަރުގެ ކުއްޖާގެ ހާލު ސީރިއަސް ކަމަށާއި ފަރުވާދެނީ ވެންޓިލޭޓަރުގައި ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ވަނީ މައުލޫމާތު ދީފައެވެ. ކުޑަކުއްޖާ މިހާރު އައިޖީއެމްއެޗަށް ބަދަލުކޮށްފައިވާކަމަށް މައުލޫމާތުލިބެއެވެ.
މި ހާދިސާއާ ގުޅިގެން 2 ކާރާއި ސައިކަލެއް ފުލުހުން ވަނީ ޓޯ ކޮށްފައެވެ.












