ސިނަމާލެ ބްރިޖުގައި ނުރައްކާތެރިކޮށް ސައިކަލު ދުއްވި މީހާ ދެނެގަނެ، އެ މީހާއާ މެދު ފިޔަވަޅު އަޅާފައިވާ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފިއެވެ.
ސިނަމާލެ ބްރިޖުގައި ނުރައްކާތެރިކޮށް ސައިކަލު ދުއްވާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވުމާއެކު ގިނަ ބަޔަކު ވަނީ އެކަން ބަލައި، އެންމެ ހަރުކަށި ފިޔަވަޅު އެޅުމަށް ގޮވާލައިފައެވެ. އަދި މިފަދަ އަމަލުތަކުގެ ސަބަބުން ނުރައްކާތެރި އެކްސިޑެންޓްތައް ހިނގައި، އެހެން މީހުންގެ ފުރާނައަށާއި މުދަލަށް ގެއްލުންވާ ކަމަށް ވެސް ގިނަ ބަޔަކު ވަނީ ބުނެފައެވެ.
މިކަމާ ގުޅޭގޮތުން ފުލުހުން މީޑިއާތަކަށް ހިއްސާކުރި މެސެޖެއްގައި ބުނެފައިވަނީ، ނުރައްކާތެރިކޮށް ނުވަތަ ފަރުވާކުޑަކޮށް އެއްގަމު އުޅަނދު ދުއްވާ މަންޒަރު ފެންނަ ވީޑިއޯއެއް މީސް މީޑިއާ މެދުވެރިކޮށް ދިވެހި ފުލުހުންގެ ހިދުމަތުގެ ސަމާލުކަމަށް އައުމާ ގުޅިގެން، އެ އުޅަނދާއި އުޅަނދު ދުއްވި ފަރާތް ދެނެގަނެ، އެ އުޅަނދު 30 ދުވަހުގެ މުއްދަތަށް ޓޯވ ކޮށްފައިވާ ކަމަށެވެ.
އަދި އެ އުޅަނދު ދުއްވި މީހާގެ ލައިސެންސް ހިފަހައްޓައި އޭނާ ޖޫރިމަނާ ކޮށްފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
ސިނަމާލެ ބްރިޖާއި އެ ބްރިޖާ ގުޅޭ މަގުތަކުގެ އިތުރުން ހުޅުމާލޭގެ ބޮޑެތި މަގުތަކުގައި ނުރައްކާތެރިކޮށް ސައިކަލާއި ކާރު ދުއްވުން މިހާރު ވަނީ އާންމު ކަމަކަށް ވެފައެވެ. ނަމަވެސް މިފަދަ އަމަލުތަކުގެ ސަބަބުން ގިނަ ފަހަރަށް ހިތާމަވެރި ހާދިސާތައް ކުރިމަތިވަމުން އަންނަކަން ފާހަގަކޮށްލަންޖެހެއެވެ.












