ތިލަމާލެ ބްރިޖް މަޝްރޫޢަކީ ދިވެހިރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް ބަދަހި އަދި ވަރުގަދަ ގުޅުން ރަމްޒުކޮށްދޭ ވަރަށް މުހިންމު އުމްރާނީ މަޝްރޫޢެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ތިލަމާލެ ބްރިޖްގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށް މާލެއިން ވިލިމާލެއަށް ހިންގަވާފައި ވަޑައިގެންނެވި ތާރީޚީ ހިނގާލުމަށްފަހު މީޑިއާތަކާ ވާހަކަފުޅު ދައްކަވަމުންނެވެ.
މީޑިއާތަކާ ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، މި ލަނޑުދަނޑި ޙާޞިލްކުރެވުނީ އިންޑިއާގެ ބޮޑުވަޒީރާއި އެ ޤައުމުގެ ސަރުކާރުން މި މަޝްރޫޢަށް ދެއްވާ ޚާއްޞަ އިސްކަމާއި، ދެ ޤައުމުގެ ހުރިހާ ލެވެލްއެއްގެ ޓީމުތަކުން ކުރި ބުރަ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ކަމަށެވެ. އަދި އުންމީދަކީ މި މަސައްކަތް ތާވަލާ އެއްގޮތަށް ކުރިއަށްގޮސް، ގިނަވެގެން އަހަރެއްހާ ދުވަހުގެ ތެރޭގައި އެއްކޮށް ނިންމާލުން ކަމަށާއި، މި ބްރިޖް ނިމުމަކީ މުޅި ގްރޭޓަރ މާލެ ސަރަޙައްދުގެ ތަރައްޤީއަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެއިތުރުން ރައީސް ވިދާޅުވީ، މި ސަރުކާރު ވެރިކަމާ ހަވާލުވި އިރު އެކަށީގެންވާ ސްޕީޑުގައި ކުރިއަށްނުގޮސް ހުރި ބޮޑެތި މަޝްރޫޢުތައް ނިންމުމަށް ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވި ކަމަށެވެ. އެގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ މަސައްކަތްތަކާއި ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ މަސައްކަތްތައް ނިންމައި މިހާރު ބޭނުންކުރަން ފަށާފައިވާކަން ފާހަގަކުރައްވައި، ތިލަމާލެ ބްރިޖަކީވެސް އެފަދަ މުހިންމު މަޝްރޫޢެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް ގާތް ގުޅުން އިތުރަށް ވަރުގަދަކުރުމަކީ މި ސަރުކާރުން ނުހަނު އިސްކަންދޭ ކަމެއް ކަމަށާއި، މިފަދަ ބޮޑެތި މަޝްރޫޢުތަކަކީ ދެ ޤައުމުގެ އެކުވެރިކަމާއި ބަދަހި ގުޅުން ރަމްޒުކޮށްދޭ މުހިންމު މަސައްކަތްތަކެއް ކަމަށެވެ.











