ޔަހޫދީ އިސްރާއީލުން ޣައްޒާގެ ޞިއްޙީ ޚިދުމަތްދޭ ތަންތަނަށް އަމާޒުކޮށް މެދުކެނޑުމެއްނެތި ދެމުންދާ ޙަމަލާތަކުގެ ސަބަބުން، ޣައްޒާއިން ކެންސަރު ބައްޔަށް ފަރުވާކުރާ ބޭސް މުޅިން ހުސްވެއްޖެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ޣައްޒާގެ ދައިރުލް ބަލަޙްގައި ހުންނަ އަލްއަޤްޞާ ހޮސްޕިޓަލުގެ އޮފިޝަލުން ހޮނިހިރު ދުވަހު ހާމަކުރި ގޮތުގައި، އިސްރާއީލުން އެ ހޮސްޕިޓަލަށް ދިން ނުރައްކާތެރި ޙަމަލާއެއްގައި ހޮސްޕިޓަލުގެ ފެން ތާންގިތަކަށާއި، ލެބޯޓްރީ ސާމާނުތަކުގެ އިތުރުން މެޑިކަލް ސާމާނު ރައްކާކުރާ ގުދަންތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އަދި މި ޙަމަލާތަކުގެ ސަބަބުން ޙިޞާރުކޮށްފައިވާ މުޅި ޣައްޒާ ސަރަޙައްދުން މިހާރު ކެންސަރު ބަލީގެ ފަރުވާއަށް ބޭނުންވާ ބޭސް އެއްކޮށް ހުސްވެފައިވާ ކަމަށް އޮފިޝަލުން ބުނެފައިވެއެވެ.
އިސްރާއީލުން ހޮސްޕިޓަލްތަކަށާއި ޞިއްޙީ ވަސީލަތްތަކަށް ހުއްޓުމެއްނެތި ބޮންއަޅަމުންދާތީ، ކެންސަރު ބައްޔަށް ފަރުވާ ހޯދަމުންދާ އެތައް ހާސް ބަލިމީހުންގެ ފުރާނައަށް ވަނީ އިންތިހާއަށް ނުރައްކާވެފައެވެ. ޣައްޒާގެ ޞިއްޙީ އޮފިޝަލުން ބަޔާންކުރާ ގޮތުގައި، ބޭހާއި ބޭސްފަރުވާގެ އަސާސީ ސާމާނު އެތެރެވުމަށް އިސްރާއީލުން ހުރަސްއަޅަމުން ދިއުމަކީ ބަލިމީހުންގެ ޙާލަތު އިތުރަށް ގޯސްވެ، ފުރާނަ ގެއްލުމުގެ ފުރުޞަތު ބޮޑުވެގެންދާނެ ކަމެކެވެ.
މި ހިތްދަތި ޙާލަތާ ގުޅިގެން ބައިނަލްއަޤްވާމީ ޖަމާޢަތްތަކުންނާއި އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ފަރާތްތަކުން ދަނީ ޣައްޒާއަށް ކޮންމެހެން ބޭނުންވާ ޞިއްޙީ އެހީތެރިކަން ވަގުތުން ފޯރުކޮށްދިނުމަށާއި، އިސްރާއީލުގެ އަނިޔާވެރި ޙަމަލާތައް ހުއްޓުވުމަށް ގޮވާލަމުންނެވެ. ނަމަވެސް އެއްވެސް އިމެއްނެތި އިސްރާއީލުން ދެމުންދާ ޙަމަލާތަކުގެ ސަބަބުން ޣައްޒާގެ ޞިއްޙީ ނިޒާމު މިހާރު ވަނީ މުޅިން ފުނޑުފުނޑުވުމުގެ ތުންފަތްމަތީގައެވެ.













