ސޫރިޔާގެ ދިމިޝްޤުގައި ހުންނަ ރިޔާސީ ގަނޑުވަރުގައި އެސް.ޑީ.އެފްގެ ކޮމާންޑަރު މާޒްލޫމް އަބްދީ، އެ ޖަމާޢަތުގެ އަސްކަރީ އަދި މަދަނީ އިދާރާތައް އެއްކޮށް އުވާލައި، ސޫރިޔާގެ ޤައުމީ އަސްކަރިއްޔާއާ ގުޅުނުކަން އިއުލާންކުރުމާއެކު، އުތުރު ސޫރިޔާގައި އެމެރިކާއިން ލާދީނީ ކުރުދީ ޖަމިއްޔާތަކަށް ދިހަ އަހަރުވާންދެން ދެއްކި ހުވަފެންތައް މިވަނީ ވެއްޔާމޮޑެވިފައެވެ.
މި ނިންމުން ސުލްޙައާއި ޤައުމީ އެކުވެރިކަމުގެ ނަމުގައި އިޢުލާންކުރި ނަމަވެސް، މިކަމުން ހާމަވަނީ މެދުއިރުމަތީގައި އެމެރިކާގެ ޚާރިޖީ ސިޔާސަތު އޮތް ގޮތެވެ. އައިއެސްއާ ދެކޮޅަށް ކުރި ހަނގުރާމައިގައި ”ގްރައުންޑު“ ފޯސްއެއްގެ ގޮތުގައި އެމެރިކާއިން ބޭނުންކުރި ޖަމާޢަތްތައް، ބޭނުން ފުއްދުމަށްފަހު މީގެކުރީން އެޖަމާޢަތްތަކުން ހަނގުރާމަކުރި ޖަމާޢަތް، ޖަބަހަތުއް ނުޞްރާ (ފަހުން އެޗިޓީއެސް) އަށް ނިސްބަތްވާ މިހާރު އެމެރިކާގެ ރުހުމާއެކު އެކުލަވާލާފައިވާ ސޫރިޔާގެ ސަރުކާރުގެ ދަށަށް ދޫކޮށްލުމުގެ ހިތި ހަޤީޤަތެވެ.
އައިއެސް ބަލިކުރުމަށް އެމެރިކާއިން ވައި.ޕީ.ޖީ އަދި އެސް.ޑީ.އެފް އަށް ވަކި ސަރަޙައްދީ އިދާރާއެއް ހިންގުމުގެ ފުރުޞަތު ދިން ނަމަވެސް، ރައީސް އަޙްމަދު އަލް-ޝަރާއުގެ ސަރުކާރާއެކު އެމެރިކާއިން ބޭއްވި ގުޅުންތަކާއެކު، މި ޖަމާޢަތްތަކަށް ޖެހުނީ ތެޔޮ ވަސީލަތްތަކާއި ބޯޑަރުތައް ދައުލަތަށް ދޫކޮށްލާށެވެ.
އިރާޤުގެ ކުރުދީ ޕެޝްމަރްގާ ސިފައިންނާއި، ކުރިން އެމެރިކާއިން އެހީވި އެފް.އެސް.އޭ ގެ ޖަމާޢަތްތަކަށް ހެދި ގޮތަށް، އެމެރިކާގެ މަޞްލަޙަތު ނިމުމަކަށް އައުމުން ވައި.ޕީ.ޖީ ވެސް މިވަނީ ދައުލަތުގެ އަސްކަރިއްޔާގެ ތެރެއަށް މަޖުބޫރުވެގެން ބަދަލުވާންޖެހިފައެވެ. މި އެއްބަސްވުމުގެ ދަށުން 9,000 އަށްވުރެ ގިނަ ހަނގުރާމަވެރިން ދަނީ ސޫރިޔާގެ ޑިފެންސް މިނިސްޓްރީއާއި އިންޓީރިއާ މިނިސްޓްރީގެ ދަށަށް ބަދަލުވަމުންނެވެ.














