ބޭރު ފައިސާއާ ބެހޭ ގާނޫނު އިސްލާހުކުރި ނަމަވެސް، ރިސޯޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ޑޮލަރުން މުސާރަ ދިނުމުގައި ގާނޫނީ ގޮތުން އެއްވެސް ހުރަހެއް ނޯންނާނެ ކަމަށް މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން ބުނެފިއެވެ.
ބޭރު ފައިސާއިން ލިބޭ އާމްދަނީގެ 40 އިންސައްތަ ކޮންމެ މަހަކު ބޭންކްތަކަށް މާރުކުރުން ލާޒިމުކުރާ ގޮތަށް، ރައްޔިތުންގެ މަޖިލީހުން ވަނީ މިފަހުން ބޭރު ފައިސާއާ ބެހޭ ގާނޫނަށް އިސްލާހު ގެނެސްފައެވެ. މި އިސްލާހަށް އަމަލުކުރަން ފަށާނީ އަންނަ ސެޕްޓެމްބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ. އެއާއެކު ރިސޯޓުތަކާއި ގެސްޓް ހައުސްތައް ހިމެނޭހެން ބޭރު ފައިސާއިން އާމްދަނީ ހޯދާ ހުރިހާ ފަރާތަކުން ވެސް މިގޮތަށް އަމަލުކުރަން ޖެހޭނެ ކަމަށް އިސްލާހުގައި ބަޔާންކޮށްފައިވެއެވެ.
މި ބަދަލާއެކު ރިސޯޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ މުސާރަ ޑޮލަރުގެ ބަދަލުގައި ދިވެހި ރުފިޔާއިން ދިނުމަށް ރިސޯޓުތަކަށް މަޖުބޫރުވާނެ ކަމަށް ބުނެ ބައެއް ފަރާތްތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ނަމަވެސް މިކަމުގެ ހަގީގަތް ހާމަކޮށް އެމްއެމްއޭއިން ބުނެފައިވަނީ، ގާނޫނަށް އިސްލާހު ގެނައި ނަމަވެސް ޑޮލަރުން މުސާރަ ދިނުމުގައި އެއްވެސް ހުރަހެއް ނޯންނާނެ ކަމަށެވެ. ހަމައެހެންމެ، ޑޮލަރުގެ ކަޅު ބާޒާރުގެ ސަބަބުން ޑޮލަރުގެ އަގު އިންތިހާއަށް އުފުލި، ޑޮލަރުގެ ތާށިކަން އިތުރުވުމާ ގުޅިގެން އެކަން ހައްލުކުރުމަށްޓަކައި ބޭރު ފައިސާއާ ބެހޭ ގާނޫނުގެ ދަށުން ތަންފީޒީ ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިވާ ކަމަށް ވެސް އެމްއެމްއޭއިން ވަނީ ބުނެފައެވެ.
އެމްއެމްއޭއިން ހާމަކުރި ގޮތުގައި އެތެރޭގެ މުއާމަލާތްތައް ދިވެހި ރުފިޔާއަށް ބަދަލުކުރާނީ ބޭނުންވާ ކުދިކުދި އިސްލާހުތައް ތަންފީޒުކޮށް އިގުތިސާދަށް އަންނަ ބަދަލުތައް ފުރިހަމައަށް ދިރާސާކުރުމަށްފަހުގައެވެ. އެމްއެމްއޭއިން މި މޭރުމުން ބުނެފައިވާއިރު، ގަވަރުނަރު އަޙުމަދު މުނައްވަރު މި މަހުގެ 24 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ، 2030 ވަނަ އަހަރާއި ހަމައަށްދާއިރު، ދިވެހި ރުފިޔާގެ އަގު ހިފެހެއްޓުމާއި އިގުތިސާދުގައި ޑޮލަރު ބޭނުންކުރާ މިންވަރު މަދުކުރުމުގެ ދުރުރާސްތާ ތަސައްވުރެއް އެކުލަވައިލާފައިވާނެ ކަމަށެވެ.
އަދި މި ތަސައްވުރަކީ ކުރީގެ ގަވަރުނަރުންގެ ވެސް ތަސައްވުރު ކަމަށް ވެސް މުނައްވަރު ވަނީ ވިދާޅުވެފައެވެ.
ހަމައެހެންމެ، ރާއްޖޭގައި ވިއްކާ ހުރިހާ މުދަލަކާއި ދޭ ހިދުމަތްތަކުގެ އަގު ދިވެހި ރުފިޔާއިން ކަނޑައެޅުމަކީ ވެސް އެމްއެމްއޭގެ އަމާޒެއް ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް، ފަތުރުވެރިކަމުގެ ސިނާއަތް ދިހަވަރަކަށް އަހަރު ވަންދެން މައިގަނޑު ގޮތެއްގައި ޑޮލަރަށް ބަރޯސާވެފައި އޮތުމުން، މި ބަދަލު ގެންނަންވާނީ ވަކި ފިޔަވަހިތަކަކަށް ބަހާލައިގެން ކަމަށާއި، އެ ދާއިރާގެ އަގުތައް މުޅިން ރުފިޔާއަށް ބަދަލުކުރުމުގެ ކުރިން ސިޔާސަތުތަކަށާއި ހިންގުމުގެ ނިޒާމަށް ގިނަ ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް ވެސް މުނައްވަރު ވަނީ ވިދާޅުވެފައެވެ. މީގެ ތެރޭގައި ޑޮލަރުން ދައްކަމުންދާ ޓެކްސްތަކާއި ފީތައް މުރާޖައާކޮށް، އެ ފައިސާ ވެސް ދިވެހި ރުފިޔާއިން ބަލައިގަންނަ ގޮތަށް ހަމަޖެއްސުން ހިމެނެއެވެ.













