ރައްކާތެރިކަމާ މެދު ކަންބޮޑުވުންތަކެއް ހުރި ނަމަވެސް، މެލޭޝިއާގައި ތިބި މިޔަންމާގެ 1,500 އެއްހާ ރޮހިންޔާ ރެފިއުޖީން އަނބުރާ އެ ގައުމަށް ފޮނުވާލުމުގެ ފުރަތަމަ ފޭސް އަންނަ ސެޕްޓެމްބަރު 29 ގައި ފެށުމަށް މެލޭޝިއާ ސަރުކާރުން ނިންމައިފިއެވެ. މިއަންމާގެ އަސްކަރީ ސަރުކާރާއެކު ވެވުނު 5,000 މީހުން ފޮނުވާލުމުގެ އެއްބަސްވުމުގެ ދަށުން ކުރިއަށްގެންދާ މި އޮޕަރޭޝަންގައި ރެފިއުޖީން ގެންދިއުމަށް މިޔަންމާ ސިފައިންގެ ދެ މަނަވަރާއި ހޮސްޕިޓަލް އުޅަނދެއް ބޭނުންކުރުމަށް ވަނީ ހަމަޖެހިފައެވެ. މެލޭޝިއާ ސަރުކާރުން ބުނެފައިވަނީ މިއީ އަމިއްލައަށް އެނބުރިދާން އެދޭ މީހުން ފޮނުވާލުމަށް ކުރިއަށްގެންދާ ”ވަލަންޓަރީ“ ޕްރޮގްރާމެއް ކަމަށެވެ.
މެލޭޝިއާގައި 215,000 އަށްވުރެ ގިނަ ރެފިއުޖީން ރަޖިސްޓްރީކޮށްފައިވާއިރު، އޭގެ ތެރެއިން 126,000 އަށްވުރެ ގިނަ މީހުންނަކީ ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންނެވެ. އަދި ޑިޓެންޝަން ސެންޓަރުތަކުގައި މިއަންމާގެ 10,388 މީހުން އެބަތިބިއެވެ.
2017 ވަނަ އަހަރު މިއަންމާ އަސްކަރިއްޔާއިން ހިންގި އަނިޔާވެރި ޤަތުލުޢާންމުގައި 740,000 އަށްވުރެ ގިނަ ރޮހިންޔާ މުސްލިމުން ޤައުމުން ބޭރުކޮށްލިއެވެ. ބައިނަލްއަޤްވާމީ ކޯޓު (އައިސީޖޭ) ގައި މިޔަންމާ ދައުލަތާ ދެކޮޅަށް ޤަތުލުޢާންމުގެ ދަޢުވާ ކުރަމުންދާއިރު، ރެފިއުޖީން އަނބުރާ ފޮނުވާލުމަކީ އެމީހުންގެ ފުރާނައަށް އޮތް ބޮޑު ނުރައްކަލެކެވެ.
އިމިގްރޭޝަން ޑިޓެންޝަން ސެންޓަރުތަކުގައި ތިބި 1,476 މިއަންމާ ރައްޔިތުން ފޮނުވާލުމަށް ވަނީ ކަނޑައަޅާފައެވެ. މިޔަންމާގައި ހަނގުރާމައާއި އަނިޔާވެރިކަން ބޮޑުވެފައިވާ މި ދަނޑިވަޅުގައި ރެފިއުޖީން އަނބުރާ ފޮނުވާލުމަކީ އެމީހުންގެ ފުރާނައަށް ނުރައްކާވާނެ ކަމެއް ކަމަށް އިންސާނީ ޙައްޤުތަކަށް ވަކާލާތުކުރާ ޖަމާޢަތްތަކުން ވަނީ ބުނެފައެވެ. ނަމަވެސް މެލޭޝިއާގެ އޮފިޝަލުން ބުނާގޮތުގައި އަނިޔާވެރިކަމާ ކުރިމަތިލާންޖެހޭނެ ފަދަ ޙާލަތެއް އޮތްނަމަ އެއްވެސް މީހަކު އަނބުރާ ނުފޮނުވާނެ ކަމަށެވެ.













