ސަރުކާރު ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ މެންބަރުން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އުފެއްދެވި ޕާޓީ ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އަށް ގެންދިއުމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއާޕާސަން މުހައްމަދު ނަޝީދު ކެމްޕެއިން ކުރައްވަން ފައްޓަވައިފިއެވެ.
ގދ. ތިނަދޫއަށް ރައީސް ޔާމީނާއެކުގައި ވަޑައިގެންނަވައި، އޭގެ ފަހުން މިލަންދުއަށް ވަޑައިގެން އެ ރަށުގެ އެމްޑީޕީ އިސްވެރިންނާއެކުގައި ބޭއްވި ބައްދަލުކުރެއްވުމެއްގައި ނަޝީދު ވަނީ ޕީއެންސީގެ މެންބަރުން ޔާމީންގެ ފަޅިއަށް އަރާނެ ގޮތެއް ބަލަން ޖެހޭ ކަމަށެވެ.
”އަޅުގަނޑުމެން އެބަ ބަލަން ޖެހޭ ދެއްތޯ ޕީއެންސީގެ ކުދިން ޔާމީންގެ ފަޅިއަށް އަރާނެ ފަދަ ގޮތެއް ހޯދަން“ ނަޝީދު ވިދާޅުވިއެވެ.
އެ ޖަލްސާގައި އިން މީހަކު ވަނީ ޕީއެންސީއަކީ ޕީޕީއެމް ކަމަށްވެސް ބުނެފައެވެ. އެކަމަށް ޖަވާބު ދެއްވައި ނަޝީދު ވިދާޅުވީ ”ދޫ ގޮތަކަށް އެކަން ދާނެ ކަމަށް ހީފުޅު ނުވާ“ ކަމަށެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މި ފަހަކަށް އައިސް ރައީސް ޔާމީނާއި ރައީސް ނަޝީދު ވަރަށް އެކުގައި މަސައްކަތްކުރައްވާއިރު، މީގެ މަހެއްހާ ދުވަސްކުރިން ޔާމީން ވަނީ އެމްޑީޕީއަށާއި ރައީސް ނަޝީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެގޮތުން ރައީސް ނަޝީދު އޮންނެވީ މުންޑު އަދެގެން ގޭގައި ކަމަށާއި ސަރުކާރު ޒިންމާދާރުކުރަން އެއްވެސް ކަމެއް އެމްޑީޕީއަށް ނުކުރެވޭ ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން ޔާމީން ވަނީ ފްރަންޓް އޮފީސް ޖަލްސާއެއްގައި އެމްޑީޕީގެ މައްޗަށް އަބަދުވެސް އިހްތިޔާރުކުރާނީ ރައީސް މުއިއްޒު ކަމަށް ވިދާޅުވެފައެވެ.












