ދުނިޔޭގެ ވިޔަފާރީގެ މުހިންމު މަގެއް ކަމަށްވާ ހުރުމުޒް ކަނޑުއޮޅި އަލުން ހުޅުވާލުމަށްޓަކައި، މެދުވެރިންގެ އެދުމުގެ މަތިން އީރާނުން ޚާއްޞަ ޝަރުތުތަކެއް އެކުލަވާލަމުންދާ ކަމަށް އެ ޤައުމުން ހާމަކޮށްފިއެވެ.
އީރާނުގެ ސަލާމަތީ ކަންކަމާ ބެހޭ އިސްވެރިޔާ މުޙްސިން ރިޒާއީ ވިދާޅުވީ، އެ ކަނޑުއޮޅި އަލުން ހުޅުވާލެވޭނީ އީރާނުން ހުށަހަޅާ ޝަރުތުތައް ފުރިހަމަކުރުމަށް އެމެރިކާއިން ޢަމަލީ ގޮތުން ފިޔަވަޅުތައް އެޅުމުން ކަމަށެވެ. މި ޝަރުތުތައް އެކުލަވާލަމުންދަނީ މައްސަލަ ޙައްލުކުރުމަށް މަސައްކަތްކުރާ މެދުވެރިންގެ އެދުމުގެ މަތިން ކަމަށް ބައިނަލްއަޤުވާމީ މަސްދަރުތަކުން އެނގެއެވެ.
މި މައްސަލައިގައި މަޝްވަރާ ކުރުމަށް ޤަޠަރުގެ ބޮޑުވަޒީރު ޝައިޚް މުޙައްމަދު ބިން ޢަބްދުއްރަޙްމާން ބިން ޖާސިމް އަލްޘާނީ ވަނީ ތެހެރާނަށް ވަޑައިގެން އީރާނުގެ އިސްވެރިންނާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުންތަކުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ ހުރުމުޒް ކަނޑުއޮޅީގެ މުސްތަޤްބަލާ ގުޅޭގޮތުންނާއި، ހަނގުރާމަ ހުއްޓާލުމަށްޓަކައި އެމެރިކާއާއި އީރާނާ ދެމެދު އަލުން ވާހަކަތައް ފެށިދާނެ ގޮތްތަކާ ގުޅޭގޮތުން ކަމަށް މަޢުލޫމާތުލިބެއެވެ. މި މަޝްވަރާތަކާ ގުޅިގެން ބައިނަލްއަޤްވާމީ ފެންވަރުގައި ޞުލްޙައިގެ އުންމީދުތައް ވަނީ އާވެފައެވެ.
ނަމަވެސް، އެމެރިކާ ސަރުކާރުގެ މަސްދަރަކުން ބައިނަލްއަޤުވާމީ މީޑިއާއެއް ކަމަށްވާ އަލްޖަޒީރާއަށް މަޢުލޫމާތު ދެމުން ބުނެފައިވަނީ، އީރާނާއި ޢުމާނާ ދެމެދު ވެވޭ އެއްބަސްވުންތަކަކީ އެމެރިކާއާ ގުޅުމެއް ހުރި ކަންކަން ނޫން ކަމަށެވެ. އަދި ހުރުމުޒް ކަނޑުއޮޅި އޮތީ ހުޅުވާލެވިފައި ކަމަށާއި، މައިންތައް ނައްތާލެވިފައިވާ ކަމަށްވެސް އެ މަސްދަރުން ބުންޏެވެ. މީގެއިތުރުން، އީރާނާއެކު އެއްވެސް މަޝްވަރާއެއް ތާވަލުކުރެވިފައި ނުވާ ކަމަށާއި، ކަނޑުގެ މަގުތައް ބަންދުކުރުމަށް އަޅާފައިވާ ފިޔަވަޅުތައް (ބްލޮކޭޑް) އަދިވެސް ދެމިއޮތް ކަމަށް އެމެރިކާއިން ވަނީ ބުނެފައެވެ.













