މިޔަންމާގައި ބޭއްވުމަށް ހަމަޖެހިފައިވާ 20 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފިކޭޝަން މުބާރާތުގައި ވާދަކުރުމަށްޓަކައި، ދިވެހިރާއްޖޭގެ 20 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމު މިޔަންމާއަށް ފުރައިފިއެވެ.
އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަން (އޭއެފްސީ) އިން މި ފަހަރުގެ ކޮލިފިކޭޝަންގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާއިރު، މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ދެ ފޭސް އަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ފޭސްއަކީ ދަށު ރޭންކިންގެ ގައުމުތައް ވާދަކުރާ ’ޑިވެލޮޕްމަންޓް ފޭސް‘ އެވެ. އަދި ދެވަނަ ފޭސްގައި ކުޅުމަށް ހަމަޖެހިފައިވަނީ މަތީ ރޭންކިންގެ ގައުމުތަކުގެ މެޗުތަކެވެ.
ރާއްޖެ ހިމެނިފައިވަނީ ޑިވެލޮޕްމަންޓް ފޭސްގައެވެ. މި ފޭސްގައި ޖުމްލަ ތިން ގްރޫޕް ހިމެނޭއިރު، ރާއްޖެ ހިމެނޭ ގްރޫޕުގައި ދެން ވާދަކުރަނީ މުބާރާތް ބާއްވާ މިޔަންމާގެ އިތުރުން އަވަށްޓެރި ސްރީލަންކާ އަދި ބްރޫނާއީ ދާރުއްސަލާމެވެ. މި ސްޓޭޖުން އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެ ޓީމަކަށް އޭޝިއަން ކަޕް ކޮލިފިކޭޝަންގެ ދެވަނަ ފޭސްއިން ފުރުސަތު ލިބިގެންދާނެއެވެ.
ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން މި މުބާރާތަށް އެކުލަވާލި ޖޫނިއާ ގައުމީ ޓީމުގެ ހެޑް ކޯޗެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ، މީގެ ކުރިންވެސް އެކި ފަހަރުމަތިން ޖޫނިއާ ގައުމީ ޓީމުތަކަށް އިރުޝާދު ދީފައިވާ ތަޖުރިބާކާރު ކޯޗު އަޙުމަދު ޝާކިރެވެ.
މި ފަހަރުގެ މުބާރާތުގައި ޝާކިރުގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް އެފްއޭއެމް 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕް ކާމިޔާބުކޮށްދިން ކޯޗު އިބްރާހީމް ސަޢީދު (ކަކާ) އެވެ. ރާއްޖޭގެ ޓީމުން މުބާރާތަށް ފުރާފައިވަނީ ރަނގަޅު ނަތީޖާއެއް ހޯދައި ދެވަނަ ބުރަށް ދަތުރުކުރުމުގެ ފޮނި އުންމީދާ އެކުގައެވެ.










