މާލޭގެ އަމީނީ މަގު ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، ސެގްމެންޓް 1 ގެ ސަބްގްރޭޑް މަރާމާތު ކުރުމުގެ މަސައްކަތުގެ 90 އިންސައްތަ ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
އެމްޓީސީސީން ބުނީ އަމީނީ މަގުގެ ސެގްމެންޓް 1 ގެ ސަބްގްރޭޑް މަރާމާތު ކުރުމުގެ ބާކީ ހުރި މަސައްކަތްތައް މިއަދުގެ ނިޔަލަށް އެއްކޮށް ނިންމާލެވޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި މި މަސައްކަތް ނިމުމާއެކު، މަގުގައި އެގްރިގޭޓް ބޭސް ކޯސް (އޭބީސީ) އެޅުމުގެ މަސައްކަތް ވަގުތުން ފަށާނެ ކަމަށްވެސް އެ ކުންފުނިން މަޢުލޫމާތު ދެއެވެ.
އަމީނީ މަގު ހެދުމުގެ މަޝްރޫޢަކީ ވެރިރަށް މާލޭގެ މަގުތައް ޒަމާނީ ފެންވަރަކަށް ތަރައްޤީކޮށް، މަގުތަކުގައި ފެންބޮޑުވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމުގެ އިތުރުން ދަތުރުފަތުރުގެ ނިޒާމު ލުއިފަސޭހަ ކުރުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ.
އެމްޓީސީސީން އަންނަނީ ރައްޔިތުންނަށް ދިމާވާ ދަތިތައް ހައްލުކޮށްދިނުމަށްޓަކައި، މި މަޝްރޫޢުގެ މަސައްކަތްތައް ވީހާވެސް އަވަހަށް ނިންމުމަށް ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.












