ރާއްޖެއަށް ކުރިމަތިވެފައިވާ ޑޮލަރުގެ ތާށިކަން ހައްލުކުރުމަށްޓަކައި، ސަރުކާރުން އަޅަމުންދާ ފިޔަވަޅުތައް ގިނަ ރައްޔިތުން ބަލައިގަންނަ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާ، ޕީއެސްއެމްއިން ގެނެސްދޭ ”ނޭޝަން ޗެޓް“ ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، ޑޮލަރުގެ ތާށިކަން ހައްލުކުރުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކަކީ އެތައް ދުވަހެއްގެ ދިރާސާތަކާއި ފަންނީ ލަފާގެ މަތިން އަޅާފައިވާ ފިޔަވަޅުތަކެއް ކަމަށެވެ. އިގުތިސާދު ހަމަމަގަށް އެޅުވުމަށް ސަރުކާރުން އަޅަން ނިންމާފައިވާ ފިޔަވަޅުތަކާ މެދު ސިޔާސީ ބައެއް ފަރާތްތަކުން ފާޑުކިޔުން އަމާޒުކުރި ނަމަވެސް، މިފަދަ ފިޔަވަޅުތަކަކީ ގައުމުގެ ހައްގުގައި އަޅަން މަޖުބޫރު ފިޔަވަޅުތަކެއްކަން ރައްޔިތުން ގަބޫލުކުރާ ކަމަށް ރައީސް ވިދާޅުވިއެވެ.
”ދެން ތި ވިދާޅުވިހެން ސިޔާސީ ގޮތުން އެކި ބޭފުޅުން، އެކިކަހަލަ ވާހަކަ އެބަ ދައްކާ. އެކަމަކު ޖުމްލަކޮށް އިރާދަކުރެއްވިއްޔާ އާންމު ރައްޔިތުން ގަބޫލު ކުރައްވާ އިގްތިސާދީ ހާލަތު ރަނގަޅުކުރުމަށްޓަކައި، ހާއްސަކޮށް ބޭރު ފައިސާއާ ގުޅިފައިވާ މައްސަލަ ރަނގަޅު ކުރުމަށްޓަކައި އަޅުގަނޑުމެން މި އަޅާ ފިޔަވަޅުތަކަކީ އަޅަން ޖެހޭ ފިޔަވަޅުތަކެއްކަން،“ – ރައީސް ވިދާޅުވިއެވެ.
ފާހަގަކޮށްލަންޖެހޭ ގޮތުގައި، ޑޮލަރުގެ ތާށިކަން ހައްލުކުރުމަށްޓަކައި ސަރުކާރުން ވަނީ މުހިއްމު ފިޔަވަޅުތަކެއް އެޅުމަށް ނިންމައި ގާނޫނަށް ވެސް މުހިއްމު އިސްލާހުތަކެއް ގެނެސްފައެވެ. އެގޮތުން، ފަތުރުވެރިކަމުގެ ދާއިރާއިން ރިސޯޓުތަކަށް ލިބޭ ބޭރު ފައިސާ މާރުކުރަންޖެހޭ މިންވަރު 40 އިންސައްތައަށް އިތުރުކުރުމަށާއި އެމްއެމްއޭގެ ރޭޓާއި ހިލާފަށް ކަޅު ބާޒާރުގައި ބޭރު ފައިސާގެ މުއާމަލާތް ކުރާ ފަރާތްތަކާއި، ކަޅު ބާޒާރުގައި ބޭރު ފައިސާ ގަނެވިއްކުން އިސްތިހާރުކުރާ ނުވަތަ އެކަމަށް ހިތްވަރުދީ އެކަން ފަތުރާ ފަރާތްތަކުން 25،000 ރުފިޔާއާއި 500،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން ފަދަ މުހިއްމު އިސްލާހުތަކެއް ގެނެސްފައިވާކަން ފާހަގަކޮށްލެވެއެވެ.
އަދި 2030 ވަނަ އަހަރު އަންނަންވާއިރަށް ރާއްޖޭގައި ޑޮލަރުން މުސާރަ ދިނުން އެއްކޮށް ހުއްޓާލައި ހުރިހާ މުއާމަލާތެއްގައި ދިވެހި ރުފިޔާ ބޭނުންކުރުމަކީ މި ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒެވެ.
ޑޮލަރުގެ ތާށިކަން ހައްލުކުރުމަށް ސަރުކާރުން އަޅަމުން އަންނަ ފިޔަވަޅުތަކާ ގުޅޭގޮތުން ރައީސް ވިދާޅުވީ، ސަރުކާރުން އެއްވެސް ކަމެއް ދިރާސާކުރުމަކާ ނުލައި ކުއްލިއަކަށް ނުނިންމާނެ ކަމަށެވެ. މި ފިޔަވަޅުތަކަކީ ތަޖުރިބާކާރު ޓީމުތަކަކުން ބޭރު ގައުމުތަކުން ގެންގުޅޭ އުސޫލުތައް ދިރާސާކުރުމަށްފަހު ނިންމާފައިވާ ކަންކަން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް އިތުރަށް ވިދާޅުވީ، ގައުމުގެ އިގްތިސާދަށް ގެއްލުންވާނެ އެއްވެސް ކަމެއް ސަރުކާރުން ނުކުރާނެ ކަމަށެވެ.













