ނޭޕާލަށް ކުރިމަތިވި ނުރައްކާތެރި ފެންބޮޑުވުމުގެ ހާދިސާއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އެގައުމުގެ ބޮޑުވަޒީރު ބަލެންދްރަ ޝާހަށް ތައުޒިޔާ ވިދާޅުވެ، މެސެޖެއް ފޮނުއްވައިފިއެވެ.
ރައީސް ފޮނުއްވި މެސެޖުގައި، ނޭޕާލަށް ކުރިމަތިވި ކުއްލި ފެންބޮޑުވުމުގެ ސަބަބުން ގިނަ ބައެއްގެ ފުރާނަ ގެއްލި، އާންމު ދިރިއުޅުމަށާއި މުދަލަށް ލިބުނު ބޮޑެތި ގެއްލުންތަކާ ގުޅިގެން، އެމަނިކުފާނު ނުހަނު ހިތާމަކުރައްވާކަން ހާމަކުރެއްވިއެވެ.
މި ހިތާމަވެރި ހާދިސާއާއި ގުޅިގެން އެމަނިކުފާނު ވަނީ ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ނޭޕާލްގެ ބޮޑުވަޒީރަށާއި ސަރުކާރަށް އަދި އެ ގައުމުގެ ރައްޔިތުންނަށް އިހުލާސްތެރިކަމާއެކު ތައުޒިޔާ ފޮނުއްވައިފައެވެ. އަދި މި ހާދިސާގައި ފުރާނަގެއްލުނު އާއިލާތަކުގެ މެންބަރުންނަށް އެމަނިކުފާނު ވަނީ ހަމްދަރުދީ ފާޅުކުރައްވައިފައެވެ. މީގެ އިތުރުން، މި ހާދިސާގައި އަނިޔާވި އެންމެހައި ފަރާތްތަކަށް އަވަސް ޝިފާއަކަށް އެދިވަޑައިގެން އެމަނިކުފާނު ވަނީ ހެޔޮއެދުންތައް ފޮނުއްވައިފައެވެ.
މި ހާދިސާގައި ހާލުގައި ޖެހުނު ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށާއި، ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި މެދުކެނޑުމެއްނެތި މަސައްކަތް ކުރަމުންދާ އިމަޖެންސީ ޓީމުތަކުގެ މަސައްކަތްތައް ފާހަގަކުރައްވައި، ރައީސް ވަނީ އެ ފަރާތްތަކަށް ތައުރީފު ކުރައްވާފައެވެ.












