ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ސަމޯއާގެ ބޮޑުވަޒީރު ފިއާމީ ނައޮމީ މަޓަފާއާ ބައްދަލު ކުރައްވައިފިއެވެ.
މިބައްދަލުކުރެއްވުން ކުރިޔަށް ދިޔައީ، ހަތަރުވަނަ އިންޓަރނޭޝަނަލް ކޮންފަރެންސް އޮން ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (ސިޑްސް) ގައި ބައިވެރިވެވަޑައިގަތުމަށް އެންޓީގާ އެންޑް ބާބިޔުޑާއަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ހަވާސާގައެވެ.
ރައީސް އޮފީހުން ވިދާޅުވި ގޮތުގައި، މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ މޫސުމީ ބަދަލުތަކުގެ ނޭދެވޭ އަސަރުތަކާއި ދެކޮޅަށް ދިވެހި ސަރުކާރުން ކުރަމުންދާ މަސައްކަތާއި ދިވެހިރާއްޖެއިން މި މަސައްކަތުގައި އަޅާފައިވާ ހަރުދަނާ ބައެއް މަސައްކަތުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ. ބޮޑުވަޒީރުގެ ވާހަކަފުޅުގައި ސަމޯއާއަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ހިއްޞާކުރައްވާ، އެ ކަމަނާ ވަނީ ސިޑްސްގެ އެއްބައިވަންތަކަމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުންވެސް، ތަރައްޤީގެ މަޝްރޫޢުތަކަށް ފައިސާ ހޯދުމުގައި ދިމާވާ ދަތިތައް ފާހަގަ ކުރައްވާ، މިކަމުގައި އިތުރު އެހެނިހެން ޙައްލުތައް ހޯދުމާ ބެހޭގޮތުން މަޝްވަރާކުރައްވާފައިވާ ކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ.
ރައީސް އޮފީހުން ވިދާޅުވި ގޮތުގައި، ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އެލަޔަންސް އޮފް ސްމޯލް އައިލެންޑް ސްޓޭޓްސް (އެއޯސިސް)ގެ ޗެއަރގެ ހައިސިއްޔަތުން ސަމޯއާއިން ކުރައްވާ މަސައްކަތް ފާހަގަކުރައްވާ އެކަމަށްޓަކައި ޝުކުރުއަދާކުރެއްވިއެވެ.













