އެމެރިކާގެ ސްޓޭޓް ސްޕޮންސާސް އޮފް ޓެރަރިޒަމްގެ ލިސްޓުން ސީރިޔާ އުނިކުރުމަށް ނިންމުމުން ދިވެހިރާއްޖެއިން މަރުހަބާ ކިޔައިފިއެވެ.
މިކަމާ ގުޅިގެން ފޮރިންގ މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިއީ ސީރިޔާއަށް ލިބުނު ވަރަށް ބޮޑު އަދި މުހިއްމު ކާމިޔާބީއެއް ކަމަށެވެ. އަދި ސީރިޔާއަށް ލިބުނު މި ކާމިޔާބީއަށް ހޫނު މަރުހަބާއެއް ކިޔާ ކަމަށްވެސް އެ މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
އަދިހަމައެހެންމެ، އެ ގައުމުގެ ރައްޔިތުންނަށް ހަމަޖެހުމާއި ރައްކާތެރިކަމާއި ފާގަތިކަމަށް އަބަދުވެސް ރާއްޖެއިން އެދޭނެ ކަމަށް ފޮރިންގ މިނިސްޓްރީން ވަނީ ބުނެފައެވެ.
މި ނިންމުމުގެ ސަބަބުން ސީރިޔާ އަލުން އާރާސްތުކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކަށް އިތުރު ބާރެއްލިބި، އެ ގައުމުގެ ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު މިހާރަށްވުރެ ބޮޑަށް ރަނގަޅުވެގެން ދިއުމުގެ އިތުރުން، އެ ގައުމުގެ ރައްޔިތުންނަށް އާމްދަނީ ހޯދުމުގެ ފުރުސަތުތައް ފަހިވެގެންދާނެ ކަމަށް އުންމީދު ކުރާ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.
މީގެ އިތުރުން ސީރިޔާގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލުގެ އިތުރުން އެ ގައުމުގެ އިސްނެގުމާއެކު އެ ގައުމުގެ ރައްޔިތުންގެ ހައްގުތައް ކަށަވަރުކުރުމަށް ކުރިއަށްދާ ސިޔާސީ ހަރަކާތްތަކަށް ރާއްޖެއިން ފުރިހަމައަށް ތާއީދުކުރާ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.













