ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައި ހުންނަ ޕާކިސްތާން އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސަސް (ޕިމްސް) ހޮސްޕިޓަލުގެ ކުޑަކުދިންގެ ވޯޑުގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއްގައި، އަލަށް އުފަންވި 15 ކުދިން މަރުވެއްޖެއެވެ.
ޕާކިސްތާނުގެ ޖިއޯ ނިއުސްއިން ހޮސްޕިޓަލުގެ އޮފިޝަލުންނާ ހަވާލާދީ ބުދަ ދުވަހު ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ހާދިސާ ހިނގި ވަގުތު އެ ހޮސްޕިޓަލުގެ ނާސަރީގައި އަލަށް އުފަންވި 16 ކުދިން ތިއްބެވެ. މި ހިތާމަވެރި ހާދިސާގައި ސަލާމަތް ކުރެވިފައިވަނީ އެންމެ ކުއްޖެކެވެ.
ހޮސްޕިޓަލުގެ އޮފިޝަލުން މައުލޫމާތު ދެއްވި ގޮތުގައި މި އަލިފާންގަނޑު ރޯވާން މެދުވެރިވީ ނާސަރީގެ ތެރޭގައި ހުރި އެއާކޮންޑިޝަނަރެއްގެ ކޮމްޕްރެސަރު ގޮވައިގެންނެވެ.
އަލިފާން ނިއްވާ ފަރާތްތަކުން މިހާރު ވަނީ އަލިފާންގަނޑު އެއްކޮށް ކޮންޓްރޯލްކޮށް، އެ ސަރަހައްދު ފިނިކުރުމުގެ މަސައްކަތް ކޮށް ނިންމާފައެވެ. ނަމަވެސް މި ހާދިސާއާ ގުޅިގެން ގިނަ އަދަދެއްގެ އާއިލާތަކަކަށް ވަނީ ފޫނުބެއްދޭވަރުގެ ބޮޑު ހިތާމައެއް ކުރިމަތިވެފައެވެ.









