ކުށްކޮށްގެން ހޯދާ މުދާ، ދައުލަތަށް ނެގުމާ ގުޅޭ ބިލު ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފިއެވެ.
ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ، ފުވައްމުލަކު މެދު ދާއިރާ ތަމްސީލުކުރައްވާ މެންބަރު ޢަލީ ފަޒާދެވެ. ރައްޔިތުންގެ މަޖިލީހަށް މި ބިލު ހުށަހެޅި މައިގަނޑު މަގުސަދަކީ، ޖިނާއީ ބޮޑެތި ކުށްތައް ކޮށްގެން މާލީ ގޮތުން ހޯދާ ކުރިއެރުންތައް ހުއްޓުވުމަށާއި، ނުހައްގުން ހޯދާ މުދާ ދައުލަތަށް ނެގުމުގެ އިތުރުން އެ މުދަލުން އިތުރު މަންފާއެއް ހޯދޭނެ މަގުތައް ބަންދުކުރުމެވެ. މި ބިލުގައި ބަޔާންކޮށްފައިވާ ގޮތުގައި ކުށްކޮށްގެން ހޯދާ މުދަލާއި ކުށްކުރަން ބޭނުންކުރާ މުދާ ވެސް ދައުލަތަށް ނެގޭނެއެވެ.
ދައުލަތަށް މުދާ ނެގޭނެ ކުށްތަކުގެ ތެރޭގައި ހިމެނެނީ، މަނީ ލޯންޑަރިން އާއި ޓެރަރިޒަމާ ގުޅުން ހުރި ކުށްތަކާއި މީހަކު މެރުމާއި މަސްތުވާތަކެއްޗާއި މީހުންނާއި ހަތިޔާރު ޓްރެފިކް ކުރުމާއި އެކްސްޕްލޮއިޓޭޝަންގެ އަމަލު އެކުލެވޭ ޖިންސީ ކުށާއި ކައުންޓާފިޓް ކުރުމާއި ކޮރަޕްޝަން ފަދަ ބޮޑެތި ކުށްތަކެވެ.
ހަމައެހެންމެ، ޓެކްސް ދެއްކުމުން އެއްކިބާވުމުގެ ކުށުގެ ތެރެއިން 500،000 ރުފިޔާއިން މަތީ ފައިސާގެ އަދަދު ހިމެނޭ ކުށްތަކާއި ފޭރުމާއި ވައްކަމާއި ހިޔާނާތާއި މުދާ ސްމަގަލް ކުރުންފަދަ ކުށްތަކުގެ ތެރެއިން 100،000 ރުފިޔާއިން މަތީގެ ފައިސާގެ އަދަދު ހިމެނޭ ކުށްތަކާއި ޖިނާއީ ބޮޑު ކުށެއް ކަމުގައި ގާނޫނުގައި ކަނޑައަޅާފައިވާ ކުށްތަކުގެ ތެރެއިން ކުށްކޮށްގެން މުދާ ހޯދޭނެ ކޮންމެ ކުށެއްގައި ވެސް ދައުލަތަށް މުދާ ނެގޭނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.
ދައުލަތަށް މުދާ ނެގުމުގައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އިރުޝާދުތަކަށް ރިއާޔަތްކުރުމަށް ހަމަޖެހިފައިވާއިރު، ބިލުގައި ބަޔާންކޮށްފައިވާ ކުށްތަކާ ގުޅުންހުރި ކަންކަމުގައި އެހެން ގައުމުތަކުގެ އެހީތެރިކަމަށް އެދުމުގެ ބާރު ވެސް ޕްރޮސެކިއުޓަރ ޖެނެރަލަށް މި ބިލާއެކު މިހާރު ވަނީ ލިބިދީފައެވެ.
ކުށްކޮށްގެން ހޯދާ މުދާ ހިފެހެއްޓުމުގެ އުސޫލުތަކާއި ބޭރު ގައުމުތައް މެދުވެރިކޮށް ކުށްކޮށްގެން ހޯދާ މުދާ ހިފެހެއްޓުމާއި ދައުލަތަށް ނެގުމުގެ އުސޫލުތައް ފުރިހަމައަށް ބަޔާންކޮށްފައިވެއެވެ.













