ކާނިވާ ސްޓޭޖުގެ ދަގަނޑު ޓްރަސްތައް ބާވެ، އޭގެ ބައިތައް ވެއްޓެމުންދާތީ، އެ ސަރަހައްދުގައި ޕާކުކޮށްފައިވާ އުޅަނދުތައް މިރޭގެ ނިޔަލަށް ނަގައި އެ ސަރަހައްދު ހުސްކުރުމަށް މާލެ ސިޓީ ކައުންސިލުން އަންގައިފިއެވެ.
މާލެ ސިޓީ ކައުންސިލުން ނެރުނު އިއުލާނެއްގައި ވާގޮތުން، ސްޓޭޖުގެ ދަގަނޑު އޮނިގަނޑު ވަރަށް ބޮޑަށް ވީރާނާވެފައިވާތީ، އެ ސަރަހައްދު ބޭނުންކުރާ އާންމުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ސްޓެޖުގެ ބައިތައް ރޫޅާލައި ތަން ސާފުކުރުމުގެ މަސައްކަތް އިއްޔެގެ ވަގުތެއްގައި ވަނީ ފަށައިފައެވެ.
އެހެންކަމުން، އެ ސަރަހައްދުގައި ޕާކުކޮށްފައިވާ އުޅަނދުތަކުގެ ވެރިފަރާތްތަކުންނާއި އެ ތަކެއްޗާ ހަވާލުވެތިބި ފަރާތްތަކުން، 25 އޮގަސްޓު ވާ އަންގާރަ ދުވަހުގެ ރޭގަނޑު 23:30 ގެ ކުރިން އެ ތަކެތި އެތަނުން ނަގައި ސަރަހައްދު އެއްކޮށް ހުސްކޮށްދިނުމަށް ސިޓީ ކައުންސިލުން ވަނީ އެދިފައެވެ.
މީގެއިތުރުން، ސްޓޭޖް ރޫޅާލުމުގެ މަސައްކަތް އެއްކޮށް ނިމެންދެން އެ ސަރަހައްދު ބަންދުކުރެވިފައިވާތީ، އެއްގަމު އުޅަނދުގައްޔާއި ފައިމަގުގައި ވެސް އެ ސަރަހައްދަށް ނުވަނުމަށް ސިޓީ ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ.













