ރާއްޖެއިން ބޭރުން އަންނަ ދިވެހިންނަށް ވެސް އިތުރު ޑިކްލަރޭޝަން ހުށަހެޅުމަކާ ނުލައި އަމިއްލަ ބޭނުމަށް ވަކި މިންވަރަކަށް ދުންފަތުގެ ބާވަތްތައް އެތެރެކުރެވޭނެ ގޮތަށް އިސްލާހުތަކެއް ގެނެސް އުސޫލު ބަދަލުކޮށްފިއެވެ.
ދަތުރުވެރިން ގެންނަ ތަކެއްޗާއި، އަމިއްލަ ފަރާތްތަކުގެ ކުދިކުދި ބޭނުންތަކަށް ގެންނަ ތަކެތީގެ އިތުރުން، ވިޔަފާރީގެ ސާމްޕަލަށް ގެންނަ ތަކެތިން ޑިއުޓީ މާފުކުރުމުގެ އުސޫލު ކުރިން އޮތްގޮތުން އަމިއްލަ ބޭނުމަށް ވަކި މިންވަރަކަށް ދުންފަތުގެ ބާވަތްތައް އެތެރެ ކުރެވޭނީ އުމުރުން 18 އަހަރުން މަތީގެ ފަތުރުވެރިންނަށް އެކަންޏެވެ.
ނަމަވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ގެނައި އިސްލާހުގައި ބަޔާންކޮށްފައިވާ ގޮތުގައި، ރާއްޖެއިން ބޭރުން އަންނަ މީހުންގެ ތެރެއިން (އޭގެ ތެރޭގައި ދިވެހިން ވެސް ހިމެނޭހެން) އުމުރުން 21 އަހަރު ފުރިފައިވާ ކޮންމެ މީހަކަށް ވެސް އަމިއްލަ ބޭނުމަށް ދުންފަތުގެ ބާވަތްތައް އެއްވެސް ޑިއުޓީއަކާ ނުލައި ވަކި މިންވަރަކަށް ގެނެވޭނެ ކަމަށެވެ.
މި އުސޫލުގެ ދަށުން ޑިއުޓީ ނުދައްކާ އެތެރެކުރެވޭނެ ދުންފަތުގެ ބާވަތްތަކުގެ ތެރޭގައި ހިމެނެނީ:
- ގިނަވެގެން 200 ސިނގިރޭޓް
- ގިނަވެގެން 20 ސުއްޓާ
- ދުންފަތުގެ އެ ނޫން ބާވަތެއް ނަމަ ގިނަވެގެން 100 ގްރާމް
- ދުންފަތް އޮޅުމަށް ބޭނުންކުރާ ތަކެތި (ވަކި މިންވަރަކަށްވުރެ އިތުރުނުވާ ގޮތަށް)
މި އުސޫލުގައިވާ ގޮތުން ޝީޝާ އާއި އީ-ސިނގިރޭޓާއި، އީ-ލިކުއިޑްގެ އިތުރުން ފްލެވާޑް ސިނގިރޭޓްގެ ބާވަތްތައް ޑިއުޓީއަކާ ނުލައި ނުގެނެވޭނެ ކަމަށް ބަޔާންކޮށްފައިވެއެވެ. އަދިހަމައެހެންމެ، 2007 ވަނަ އަހަރުގެ ފަހުން އުފަންވެފައިވާ އެއްވެސް ފަރާތަކަށް ދުންފަތުގެ ބާވަތްތައް އެތެރެކުރުމުގައި އެއްވެސް ލުޔެއް ނުލިބޭނެ ކަމަށް ވެސް އުސޫލުގައި ބަޔާންކޮށްފައިވެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، މި ސަރުކާރު ވެގެން ގޮސްފައިވަނީ ދުންފަތާ ދެކޮޅަށް މަސައްކަތްކުރާ އަދި ދުންފަތާ ދެކޮޅަށް ވަރުގަދަ ފިޔަވަޅުތަކެއް އެޅި ފުރަތަމަ ސަރުކާރަށެވެ. އަދިހަމައެހެންމެ، 2007 ވަނަ އަހަރުގެ ފަހުން އުފަންވި ފަރާތްތަކަށް ދުންފަތް އެއްކޮށް މަނާކުރުމަށް ”ޖެނެރޭޝަނަލް ބޭން“ އެއް ކަނޑައަޅައި އެއަށް އަމަލުކުރަން ފެށި ފުރަތަމަ ގައުމަކަށް ރާއްޖެ ވެފައިވާއިރު، ވޭޕާއި އީ-ސނިގިރޭޓް ފަދަ ތަކެތި ވެސް ރާއްޖޭގައި މިހާރު ވަނީ އެއްކޮށް މަނާކޮށްފައެވެ.











