އެމެރިކާއިން އީރާނާ ދެކޮޅަށް ފަށާފައިވާ ”އިޤްތިޞާދީ ޑީ-ޑޭ“ ގައި ބައިވެރިވެ، އީރާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަަށް އެމެރިކާއަށް އެހީތެރިވާ އެއްވެސް ޤައުމަކީ އީރާނުގެ ”ދުޝްމަނެއް“ ކަމަށް އީރާނުން ކަނޑައަޅައިފިއެވެ. އަދި އެފަދަ ޤައުމުތަކުގެ މަޞްލަޙަތުތަކަށް ހަމަލާދޭނެކަމުގެ ހަރުކަށި އިންޒާރުވެސް އީރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ސެކްރެޓަރީ މުޙްސިން ރެޒާއީ ވަނީ ދީފައެވެ.
އީރާނުގެ ދައުލަތުގެ ޓީވީއަށް ދިން އިންޓަވިއުއެއްގައި ރެޒާއީ ބުނީ، އީރާނުން ހަނގުރާމަ ފުޅާކުރަން ބޭނުންނުވި ނަމަވެސް، އަވައްޓެރި ޤައުމުތަކުން އެމެރިކާގެ ބްލޮކޭޑަށް އެހީތެރިވެއްޖެނަމަ، ހޮރްމޫޒް ކަނޑުއޮޅިންނާއި ގަލްފުގެ އެހެން މަގުތަކުން އެއްވެސް ތެޔޮ ފޮދެއް ބޭރުކުރިޔަ ނުދޭނެ ކަމަށެވެ. އަދި އެމެރިކާއިން އިތުރު ފިޔަވަޅުތަކެއް އަޅައިފިނަމަ، އީރާނުން ދޭނީ ”ބިންގުޑާނެ ފަދަ“ ވަރުގަދަ ރައްދެއް ކަމަށްވެސް ރެޒާއީ ބުނެފައިވެއެވެ.
އީރާނުން ވަނީ ހޮރްމުޒް ކަނޑުއޮޅި ނޫން އެހެން މަގުތަކުން (އަލްޓަނޭޓިވް ސަޕްލައިންތައް މެދުވެރިކޮށް) ތެޔޮ އެކްސްޕޯޓްކުރާ ނިޒާމުތަކަށްވެސް ޙަމަލާދޭނެކަމުގެ އިންޒާރު ދީފައެވެ. އެމެރިކާއިން ޖޫން މަހު ސޮއިކުރެވުނު އެއްބަސްވުމަށް ޢަމަލުކުރަންދެން ހޮރްމޫޒް ކަނޑުއޮޅި އާންމު ދަތުރުފަތުރަށް ނުހުޅުވާނެކަމަށް ބުނަމުންދާ ބުނުމް އީރާނުން ވަނީ ތަކުރާރުކޮށްފައެވެ.













