ޑޮލަރު ކަޅު ބާޒާރު ހިންގުމުގެ ފަހަތުގައި ރިސޯޓް ޗެއިންތަކާއި، ކޮންސްޓްރަކްޝަން ކުންފުނިތަކާއި، ސިޔާސީ ބޭފުޅުން އެބަތިބި ކަމަށާއި އެ މައްސަލަތައް ބަލައި ޤާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާ ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ކަޅުބާޒާރުގައި ޑޮލަރު ވިއްކުން ހުއްޓުވުމަށް ސަރުކާރުން މިވަނީ ގިނަ މަސައްކަތްތަކެއް ފަށާފައެވެ.
މިކަމާ ގުޅިގެން ކަމާއި ގުޅޭ ވުޒާރާތަކާއި އެމްއެމްއޭއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު އަލީ އިޙްސާން ވިދާޅުވީ ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ބޭރު ފައިސާ މާރުކުރާ 63 ތަން ހިންގަމުންދާކަމަށެވެ. ނަމަވެސް އެއްވެސް ލައިސަންސެއް ނެތި ޤާނޫނާ ޚިދުމަތާ ޚިދުމަތާ ޚިލާފަށް ގިނަ ފަރާތްތަކުން އެ މަސައްކަތް ކުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
މިހާތަނަށް ބެލި ބެލުމުން ހަތް ތަނަކާ ގުޅޭ މަޢުލޫމާތު އެއްކޮށްފައިވާ ކަމަށާއި، އެ ތަންތަނުން އެކަނިވެސް ފާއިތުވި ނުވަ ދުވަހުގެ ތެރޭގައި 76 މިލިއަން ޑޮލަރު ކަޅު ބާޒާރުގައި ވިއްކާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ހުއްދަ ނުނަގައި މިފަދަ ވިޔަފާރި ކުރުމަކީ ޖިނާޢީ ކުށެއް ކަމަށާއި، މިފަދަ ޢަމަލުތަކުގެ ސަބަބުން ނޭނގި ތިބެ ވެސް މަނީ ލޯންޑްރިން ފަދަ ބޮޑެތި ކުށްތަކުގައި ބައިވެރިވެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.
”ޖިނާޢީ ކުށެއް ކޮށްގެން އަމިއްލަ ގޮތުންނާއި ވިޔަފާރިތަކުން ފައިދާ ހޯދުމަކީ މަނީ ލޯންޑަރކުރުން. އެންގިގެންވެސް ނޭންގިވެސް މަނީ ލޯންޑްރިންގައި މި ބައިވެރިވެވެނީ. މި ތަންތަނުން ރާއްޖެއަށް ބޭރު ފައިސާ ވަންނަ މަސައްކަތެއް ނުކޮށް، މަނީ އެކްސްޗޭންޖް މަސައްކަތް މިކުރަނީ. އެކްސްޗޭންޖް ކުރާ ބައެއް މިއީ.“ ވަޒީރު އަލީ އިޙްސާން ވިދާޅުވިއެވެ.
މި ކަމުގައި ރިސޯޓް ވިޔަފާރީގައި ފުޅާދާއިރާއެއްގައި ހަރަކާތްތެރިވާ ފަރާތްތަކާއި، ކޮންސްޓްރަކްޝަން ދާއިރާގެ ކުންފުނިތަކާއި، ސިޔާސީ ދާއިރާގައި އުޅޭ ބައެއް ބޭފުޅުން ޝާމިލުވާކަން ފާހަގަކުރެވިފައިވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. ޚާއްޞަކޮށް ރިސޯޓް ޗެއިނަކުން އެކަނިވެސް ނުވަ މަސް ދުވަހުގެ ތެރޭގައި ހަތަރު މިލިއަން ޑޮލަރު ކަޅު ބާޒާރުގައި ވިއްކާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ޤާނޫނާ ޚިލާފަށް ހިންގާ މިފަދަ ވިޔަފާރިތަކާއި ޓްރާންސެކްޝަންތައް ހުއްޓުވުމަށް އެމްއެމްއޭއާއި ކަމާބެހޭ މުވައްސަސާތައް ގުޅިގެން ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންދާނެ ކަމަށާއި، މި ކުށްތަކާ ގުޅިގެން 50،000ރ އާއި އެއް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމުގެ ފުރުޞަތު ޤާނޫނުގައި އޮތް ކަމަށް ވަޒީރު އަލީ އިޙްސާން ވިދާޅުވިއެވެ.












