މާލެ ވޯޓަރ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އިން 17 މިލިއަން ރުފިޔާއަށް ލޭންޑިންގ ކްރާފްޓެއް ގަތް ކަމަށް ބުނެ މީސް މީޑިއާގައި މިހާރު ދައުރުވަމުންދާ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް ނެތް ދޮގު ވާހަކަތަކެއް ކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ޙުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.
ފަހުމީ މި މޭރުމުން ވިދާޅުވެފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާޙުގެ އަތުން 900،000 ރުފިޔާގެ ބާ ލޭންޑިންގ ކްރާފްޓެއް 17 މިލިއަން ރުފިޔާއަށް އެމްޑަބްލިޔުއެސްސީން ގަނެފައިވާ ކަމަށް ބުނެ މީސް މީޑިއާގައި މިހާރު ފަތުރަމުން އަންނަ ވާހަކަތަކާ ގުޅިގެންނެވެ.
އެ ޕޯސްޓުގައި ބުނެފައިވާ ގޮތުގައި, އެ އުޅަނދު މަރާމާތުކުރުމަށް އެކަނިވެސް 1.8 މިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، ފަލާޙުގެ އަތުން ދެވަނަ އުޅަނދެއް ގަތުމުގެ މަސައްކަތް އެ ކުންފުނިން އަންނަނީ ކުރަމުންނެވެ. މިކަމާ ގުޅިގެން ފަހުމީ ވިދާޅުވީ، 2023 ވަނަ އަހަރުން ފެށިގެން އެފަދަ އެއްވެސް މުއާމަލާތެއް އެ ކުންފުނިން މިހާތަނަށް ކޮށްފައިނުވާނެ ކަމަށެވެ. އަދި އެފަދަ މުއާމަލާތަކަށް ކުންފުނީގެ ބޯޑުންވެސް ހުއްދަ ދީފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މި އުޅަނދު ގަތުމުގެ ހުއްދަ ދިނުމަށް ދެކޮޅު ހެއްދެވުމުގެ ސަބަބުން އެމްޑަބްލިޔުއެސްސީގެ ބޯޑު މެންބަރުކަމުގެ މަގާމުން ޢުމަރު ޙުސައިން އިސްތިއުފާ ދެއްވި ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކުރައްވަމުން ފަހުމީ ވިދާޅުވީ، ޢުމަރު އިސްތިއުފާ ދެއްވީ އަމިއްލަ ސަބަބުތަކަކާ ހުރެ ކަމަށެވެ. އަދި އެކަށީގެންވާ ހެއްކެއް ނެތި މިފަދަ ވާހަކަތައް ފަތުރައިގެން ނުވާނެ ކަމަށާއި އެމްޑަބްލިޔުއެސްސީން އަބަދުވެސް މަސައްކަތް ކުރާނީ ދެފުށް ފެންނަ ގޮތެއްގައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މީސް މީޑިއާގައި މިފަދަ ވާހަކަތަކެއް ދެކެވެމުންދާއިރު ފާހަގަކޮށްލަންޖެހޭ ކަމަކީ މިކަމާ ގުޅުންހުރި އެއްވެސް ހެއްކެއް ދެއްކިފައިނުވާ ކަމެވެ.













