ރާއްޖޭގެ އެކި ރަށްރަށުގައި އަލަށް އާބާދުވަމުން އަންނަ ސަރަހައްދުތަކަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން، 4 ރަށެއްގެ އައު ސަރަހައްދުތަކަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދީފިއެވެ.
ފެނަކަ ކޯޕަރޭޝަނުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި މި ޚިދުމަތް އަލަށް ގުޅައިދީފައިވަނީ ލ. ފޮނަދޫ، ހދ. ނޮޅިވަރަންފަރު، ތ. ބުރުނި އަދި ތ. ތިމަރަފުށީގެ އައު ސަރަހައްދުތަކަށެވެ. މީގެ މައިގަނޑު ބޭނުމަކީ އަލަށް އާބާދުވާ ރައްޔިތުންނަށް އެއްވެސް ދަތިކަމެއް ނެތި، ވީހާވެސް އަވަހަށް އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމެވެ.
މި މަޝްރޫޢުގެ ތަފްސީލަށް ބަލާއިރު، ލ. ފޮނަދޫގެ އައު ސަރަހައްދަށް ކަރަންޓު ދިނުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ޖޫން މަހުގެ ނިޔަލަށް ނިންމާލެވިފައިވާއިރު، އެ ސަރަހައްދުގެ 80 ގޭބިސީއަކަށް މިހާރު ވަނީ ކަރަންޓުގެ ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެހިފައެވެ. އަދި ތ. ބުރުނީގެ އާ ސަރަހައްދުގައި ހިމެނޭ 48 ގޭބިސީއަކަށް ވެސް މިހާރު ވަނީ ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދީފައެވެ.
މީގެ އިތުރުން، ހދ. ނޮޅިވަރަންފަރާއި ތ. ތިމަރަފުށީގައި އިމާރާތްކޮށްފައިވާ 100 ހައުސިންގ ޔުނިޓަށް ބޭނުންވާ ނެޓްވޯކް އެކްސްޓެންޝަންގެ މަސައްކަތްތައް ވެސް ނިމިދިޔަ އަހަރުގެ ތެރޭގައި ވަނީ ނިންމާލާފައެވެ. އެގޮތުން، މި މަޝްރޫޢުގެ ދަށުން ނޮޅިވަރަންފަރުގައި 825 މީޓަރުގެ ލޯ-ވޯލްޓޭޖް ކޭބަލް ވަޅުލައި، 12 ޑިސްޓްރިބިއުޝަން ފޮށި ވަނީ ކާމިޔާބުކަމާއެކު ހަރުކޮށްފައެވެ.
މި ހަތަރު ރަށުގެ އިތުރުންވެސް، ރ. މާކުރަތާއި އެ އަތޮޅު ވާދޫގެ އާ ސަރަހައްދުތަކަށް ކަރަންޓު ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ބޮޑު ބައެއް މިހާރު ނިމިފައިވާ ކަމަށް ފެނަކައިން ބުނެއެވެ. އަދި އެ ރަށްރަށުގެ ބާކީ ހުރި މަސައްކަތްތައް ވީ އެންމެ އަވަހަކަށް ނިންމައި، ދާއިމީކޮށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ކުރިއަށްދާ ކަމަށް އެ ކުންފުނިން ވަނީ ހާމަކޮށްފައެވެ.













