ކުރީގެ ބަންޑާރަ ނައިބު އަލްއުސްތާޛާ ޢާއިޝަތު ޢާޒިމާ ޝަކޫރު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސް މަޤާމަކަށް މިއަދު އައްޔަންކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް (މުންދު) ވިދާޅުވީ، ރައީސް އޮފީހުގެ ޕްރިންސިޕަލް ސެކްރެޓަރީގެ މަޤާމުގައި އާޒިމާ މިއަދު ވަޒީފާއަށް ނުކުމެވަޑައިގެންފައިވާ ކަމަށެވެ.
އާޒިމާ ވަނީ މިދިޔަ އަހަރު ބޭއްވި މާލެ ސިޓީ ކައުންސިލްގެ މޭޔަރު ބައި-އިލެކްޝަންގައި ވެރިކަންކުރާ ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވާފައެވެ. އެ އިންތިޚާބުން ނާކާމިޔާބުވެވަޑައިގެންނެވި ނަމަވެސް، މިހާތަނަށް ސަރުކާރުގެ ރަސްމީ އެއްވެސް މަޤާމަކަށް އެކަމަނާ އައްޔަންކުރައްވާފައެއް ނުވެއެވެ. އެހެންނަމަވެސް، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އާއިލާގެ ފަރާތުން ކޯޓަށް ހުށަހެޅުނު މައްސަލައެއްގައި އިސް ވަކީލެއްގެ ގޮތުގައި އާޒިމާ ވަނީ ވަކާލާތު ކުރައްވާފައެވެ.
އާޒިމާ ޝަކޫރަކީ އޭނާގެ ހަޔާތުގެ ބޮޑުބައެއް ދިވެހި ދައުލަތަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވުމުގައި ހޭދަކުރައްވާފައިވާ ގާނޫނީ ތަޖުރިބާކާރެކެވެ. އެގޮތުން، ރައީސް އަލްއުސްތާޛު މަައުމޫން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައްޔާއި، ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކުގެ ވެރިކަމުގައި ވެސް ބަންޑާރަ ނައިބުކަން އޭނާ ވަނީ ފުރުއްވާފައެވެ. ދިވެހިރާއްޖޭގެ ފުރަތަމަ އަންހެން ބަންޑާރަ ނައިބު މަޤާމް ފުރުއްވީ އާޒިމާއެވެ. މީގެއިތުރުން، މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ހިއުމަން ރައިޓްސްގެ މަގާމާއި، ދައުލަތުގެ ބަންޑާރަ ނައިބުގެ އޮފީހުގެ އެކި ފަންތީގެ މަގާމުތަކުގެ އިތުރުން ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރުގެ މަގާމުވެސް އާޒިމާ ވަނީ އަދާކުރައްވާފައެވެ.
މީގެއިތުރުން، ރާއްޖޭގެ ޝަރުއީ އަދި ގާނޫނީ ދާއިރާގައި ފާހަގަކޮށްލެވޭ އެތައް މައްސަލަތަކެއް ކާމިޔާބުކަމާއެކު ވަކާލާތުކުރައްވާފައިވާ އާޒިމާ ރައީސް އޮފީހުގެ މިފަދަ އިސް މަގާމަކަށް އައްޔަންކުރެއްވުމަކީ، ސަރުކާރުގެ އިދާރީ އަދި ގާނޫނީ ހިންގުން އިތުރަށް ހަރުދަނާވެގެންދާނެ ކަމެއް ކަމަށް ބެލެވެއެވެ.











