އިންފޮރމޭޝަން ކޮމިޝަނަރު ކަމުގެ މަގާމަށް، ޢަބްދުލްޢަޒީޒް ޖަމާލު އަބޫބަކަރުގެ އައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.
އިންފޮރމޭޝަން ކޮމިޝަނަރު ކަމުގެ މަގާމަށް ބޭފުޅަކު އައްޔަންކުރަން ހުޅުވާލާފައިވަނީ، އެ މަގާމުގައި މިހާރު ހުންނެވި އާހިދު ރަޝީދުގެ ދައުރު އަންނަ ސެޕްޓެމްބަރު މަހުގެ 6 ވަނަ ދުވަހަށް ހަމަވާތީއެވެ. އޭނާ އެ މަގާމަށް އައްޔަނުކޮށްފައިވަނީ 2021 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 6 ވަނަ ދުވަހުގައެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އަމީންއާންމު ވަނީ އިންފޮރމޭޝަން ކޮމިޝަނަރު ކަމުގެ މަގާމަށް މީހަކު އައްޔަންކުރެއްވުމަށް ރައީސް މުޢިއްޒު ފޮނުއްވާފައިވާ ސިޓީ މަޖިލީހުގެ ތަޅުމުގައި އިއްވައިފައެވެ. ރައީސްގެ ސިޓީފުޅުގައި ވަނީ، ލ. މާވަށް / މާޒީ، ޢަބްދުލްޢަޒީޒް ޖަމާލު އަބޫބަކުރުގެ ނަމެވެ. މި މައްސަލަ ދިރާސާ ކުރުމަށް މިނިވަން މުއައްސާސަތަކުގެ ކޮމިޓީއަށް މިހާރު ވަނީ ފޮނުވިފައެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ އިންފޮރމޭޝަން ކޮމިޝަނަރުގެ މަގާމު އެންމެ ފުރަތަމަ ފުރުއްވި ބޭފުޅަކީ ޢަބްދުލްޢަޒީޒް ޖަމާލް އަބޫބަކުރެވެ. ހަމައެހެންމެ، 17 ވަނަ ރައްޔިތުންގެ މަޖިލީހުގައި، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނު އެކުލަވަައިލުމުގެ މަސައްކަތުގައި ވެސް އިސް ދައުރެއް އިސްދައުރެއް އޭނާ އަދާކުރެއްވިއެވެ.
އަބްދުލްއަޒީޒް މިވަގުތު ހުންނެވީ ހެރިޓޭޖް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ މަގާމުގައެވެ.













