ބައެއް ކައުންސިލްތަކުގެ އަމަލުތައް ހުންނަ ގޮތުން އެއީ ވަކި ސަރުކާރެއް ކަމަށް ހީވާ ފަހަރު އަންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި އޭދަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ސަރުކާރުގެ ފަރާތުން ލާމަރުކަޒީ ގާނޫނަށް ގެންނަން ހުށަހަޅާފައިވާ އިސްލާހު އަނބުރާ ގެންދިއުމަށް ގޮވާލާ އިދިކޮޅު އެމްޑީޕީން ހުށަހަޅާފައިވާ ޕެޓިޝަނަށް ބަހުސްކުރައްވަމުން ސަލީމް ވިދާޅުވީ، ދިވެހިރާއްޖެއަކީ ޑިމޮކްރަޓިކް ހަމަތަކުގެ މަތިން ހިނގާ މިނިވަން، ޖުމްހޫރީ އަދި ޔުނިޓަރީ ދައުލަތެއް ކަމަށެވެ. މިކަން ގާނޫނުއަސާސީގެ 2 ވަނަ މާއްދާގައި ވަރަށް ސަރީހަކޮށް ބަޔާންކޮށްފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކަންކަން ހިނގަމުންދާއިރު، މައި ސަރުކާރުން ވަކިވެގެން އަމިއްލަ ސަރުކާރުތަކެއްގެ ގޮތުގައި ބައެއް ކައުންސިލްތަކުން މަސައްކަތް ކުރަމުން އަންނަކަން ސަލީމްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވި ގޮތުގައި ދައުލަތުގެ އެންމެ އިސްވެރިއަކީ ރައީސުލްޖުމްހޫރިއްޔާ ކަމަށްވާއިރު، ގައުމު އިސްލާހުކުރުމަށްޓަކައި އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އެޅުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ފުރިހަމައަށް ލިބިގެންވެއެވެ. މީގެ އިތުރުން ގާނޫނުތަކަށް ބަދަލު ގެނައުމުގެ ފުރިހަމަ ބާރު ރައްޔިތުންގެ މަޖިލީހަށް ވެސް ލިބިގެންވާ ކަމަށް ސަލީމް ވިދާޅުވިއެވެ.
”ދައުލަތުގެ އެންމެ އިސްވެރިއަކީ ރައީސުލްޖުމްހޫރިއްޔާ. ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާނެ ގައުމު އިސްލާހު ކުރުމަށްޓަކައި އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އެޅުމުގެ ބާރު. އަދި ގާނޫނުތަކަށް ބަދަލު ގެނައުމުގެ ބާރު އޮތީ ރައްޔިތުންގެ މަޖިލީހަށް،“ – ސަލީމް ވިދާޅުވިއެވެ.
މިހާރު ކަންކަން ހިނގަމުންދާ ގޮތަށް ދޫކޮށްލައިފިނަމަ، ކުރިއަށް އޮތް 10 އަހަރެއްހައި ދުވަހުގެ ތެރޭގައި ކޮންމެ އަތޮޅަކުން މައި ސަރުކާރުގެ ބާރެއް ނުހިނގާނެ ކަމުގެ ކަންބޮޑުވުން ސަލީމް ފާޅުކުރެއްވިއެވެ. އަދި ގައުމު ބައިބައިވެގެން ދިއުމަކީ އެމްޑީޕީ ވިޔަސް ނުވަތަ އެހެން ޕާޓީއަކުން ވިޔަސް އެދޭނެ ގޮތެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.
ލާމަރުކަޒީ ނިޒާމު ފަރުމާކުރެވިފައިވަނީ ކޮންމެ އަތޮޅަކަށް ލިބޭ އާމްދަނީން އެ އަތޮޅެއް ހިންގާ އުސޫލުން ނޫންކަން ފާހަގަކުރައްވައި ސަލީމް އިތުރަށް ވިދާޅުވީ، އެކަން އެގޮތަށް ކޮށްފިނަމަ ފައިދާ ވާނީ ހަމައެކަނި ފަތުރުވެރިކަމުގެ ދާއިރާ ފުޅާވެފައި އޮތް އަތޮޅުތަކަށް އެކަނި ކަމަށެވެ. އެހެންކަމުން ގައުމަށް ލިބޭ އާމްދަނީ ހުރިހާ ރައްޔިތުންނަށް ހަމަހަމަކަމާއި އިންސާފުވެރިކަމާއެކު ބެހިގެންދާ ގޮތަށް ނިޒާމު ބައްޓަންވެފައި އޮތުމުގެ މުހިއްމު ކަމުގެ މައްޗަށް ސަލީމް އަލިއަޅުއްވާލެއްވިއެވެ.













