މި އަހަރުގެ ފުރަތަމަ ހަތް މަސްދުވަހު ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް އެއްބިލިޔަނަށްވުރެ ގިނަ ރުފިޔާ ލިބިފައިވާކަމަށް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮޓޯރިޓީ، މީރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މީރާއިން ނެރެފައިވާ ޖުލައި މަހުގެ އާމްދަނީ ރިޕޯޓުގައިވާ ގޮތުން މިއަހަރުގެ ފުރަތަމަ ހަތް މަސް ދުވަހު ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް 1.3 ބިލިޔަން ރުފިޔާގެ އާމްދަނީއެއް ވަނީ ލިބިފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބިފައިވަނީ، 1.2 ބިލިޔަން ރުފިޔާއެވެ. މިއީ 5.8 ޕަސަންޓުގެ އިތުރުވުމެކެވެ.
ގްރީން ޓެކުހުގެ ގޮތުގައި ޑޮލަރުން ލިބުނު އާމްދަނީވެސް މިއަހަރުގެ ފުރަތަމަ ހަތް މަސް ދުވަހު ވަނީ އިތުރުވެފައެވެ. އެގޮތުން މިއަހަރުގެ މި މުއްދަތުގައި ގްރީން ޓެކުހުގެ ގޮތުގައި 88 މިލިއަން ޑޮލަރު ލިބިފައިވާއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބިފައިވަނީ 83 މިލިޔަން ޑޮލަރެވެ.
ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމުގެ އެކި މަސައްކަތްތަކަށް ފައިސާ ހޯދުމަށް ގްރީން ޓެކުހުގެ ނިޒާމު ފަށާފައިވަނީ 2026 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެންނެވެ. މި ޓެކުހަކީ ރާއްޖޭގައި ހިންގާ ޓޫރިސްޓު ރިސޯޓުތަކާއި ހޮޓާތަކާއި ގެސްޓްހައުސްތަކުގެ އިތުރުން ޓޫރިސްޓު އުޅަނދުފަހަރުގައި ޗުއްޓީ ހޭދަކުރާ ފަތުރުވެރިންގެ އަތުން ނަގާ ޓެކުހެކެވެ.
ގްރީން ޓެކުހުގެ ގޮތުގައި ރިސޯޓުތަކާއި ސަފާރީއާއި ހޮޓާތަކުގައި ޗުއްޓީ ހޭދަކުރާ ކޮންމެ މީހެއްގެ އަތުން 12 ޑޮލަރު ނަގާއިރު، ގެސްޓްހައުސްތަކުގައި ޗުއްޓީ ހޭދަކުރާ މީހުންގެ އަތުން ނަގަނީ ހަ ޑޮލަރެވެ. ނަމަވެސް އުމުރުން ދެ އަހަރު ނުވާ ކުޑަކުދިން މި ޓެކުހުން އިސްތިސްނާ ވާނެއެވެ.
ގްރީން ޓެކުހުގެ ގޮތުގައި ލިބޭ އާމްދަނީއިން ސަރުކާރުން އަންނަނީ ރަށްރަށުގައި ތިމާވެއްޓާ ގުޅުންހުރި އެކިއެކި މަޝްރޫޢުތަކަށް ޚަރަދުކުރަމުންނެވެ. އޭގެތެރޭގައި ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމްކުރުމާއި، ގޮނޑުދޮށް ހިމާޔަތްކުރުމާއި، ތިމާވެށި ރައްކާތެރިކުރުމުގެ މުހިންމު އެކި މަޝްރޫޢުތައް ހިމެނެއެވެ.











