މުދަލު ޒަކާތުގެ ގޮތުގައި ދައްކަން ވާޖިބުވާ ނިޞާބުގެ މިންވަރު މޯލްޑިވްސް ޒަކާތު ހައުސްއިން ދަށްކޮށްފިއެވެ.
މިކަމާ ގުޅިގެން މޯލްޑިވްސް ޒަކާތު ހައުސްއިން ބުނެފައިވަނީ, މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ރާއްޖޭގައި މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިޞާބަކީ 19،266.10 ރުފިޔާ ކަމަށެވެ. ފާހަގަކޮށްލަންޖެހޭ ގޮތުގައި މިދިޔަ އޭޕްރީލް މަހުގެ 21 ވަނަ ދުވަހު ޒަކާތު ހައުސްއިން ވަނީ މުދަލު ޒަކާތުގެ ނިޞާބު 19،527.90 ރުފިޔާއިން 21،836.50 ރުފިޔާއަށް ބޮޑު ވެސް ކޮށްފައެވެ.
މުދަލު ޒަކާތުގެ ނިޞާބަށް ދިވެހި ރުފިޔާއިން ޖެހޭ މިންވަރު ކަނޑައެޅުން: 20 އޮގަސްޓު 2026 (07 رَبِيْعُ الْأَوَّلُ 1448)https://t.co/pMo0lIOiuT
#zakat #zakathousemv #maldiveszakathouse pic.twitter.com/a4MWgfbd22— Maldives Zakat House (@ZakatHouseMv) August 20, 2026
މުދަލު ޒަކާތަކީ މުދަލުގައި ނިޞާބު ހަމަވެ، އެ މުދަލެއްގެ މައްޗަށް ހިޖުރީ އަހަރަކުން އެއް އަހަރު ފުރިފައިވާ ކޮންމެ މުސްލިމެއްގެ މައްޗަށް އޮތް ދީނީ ފަރުޟެކެވެ. މޯލްޑިވްސް ޒަކާތު ހައުސްއިން އެންމެފަހުން ކަނޑައަޅާފައިވާ ގޮތުގައި، ރާއްޖޭގައި މުދަލު ޒަކާތް ވާޖިބުވާ ނިޞާބުގެ މިންވަރަކީ 21,836.50 ރުފިޔާއެވެ. މި މިންވަރު ކަނޑައަޅާފައިވަނީ ރިހީގެ އަގަށް ބިނާކޮށް، ރިހި ގުރާމެއްގެ އަގު 36.70 ރުފިޔާގެ މަގުން 595 ގުރާމަށް ޖެހޭ މިންވަރަށެވެ.
ދުނިޔޭގެ ބާޒާރުގައި ރަނާއި ރިހީގެ އަގަށް އަންނަ ބަދަލުތަކާ ގުޅިގެން، ރާއްޖޭގެ މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން ދޭ މައުލޫމާތަށް ބިނާކޮށް ޒަކާތުގެ ނިޞާބަށް ބަދަލުތައް ގެނެވެއެވެ. މުދަލު ޒަކާތަކީ އަހަރުގެ ކޮންމެ ދުވަސްވަރެއްގައިވެސް ދެއްކޭނެ އެއްޗެކެވެ.
ރާއްޖޭގައި މުދަލު ޒަކާތް ބަލައިގަތުމުގެ އިންތިޒާމު ހަމަޖެހިފައިވަނީ މީރާ މެދުވެރިކޮށެވެ. މީރާގެ އޮންލައިން ޕްލެޓްފޯމްތައް މެދުވެރިކޮށް ފަސޭހަކަމާއެކު ޒަކާތް ދެއްކޭނެ އިންތިޒާމު ހަމަޖެހިފައިވާއިރު، ކޮންމެ މީހަކުވެސް އެމީހެއްގެ މުދަލުން ޒަކާތް ދައްކަންޖެހޭ މިންވަރު އެ އިދާރާގެ ވެބްސައިޓް މެދުވެރިކޮށް ބަލާލެވޭނެއެވެ.












