ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މީހަކު ވ. ކެޔޮދޫއިން ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ދޭލިޔާގެ / ވ. ކެޔޮދޫ، އަޙްމަދު ފާޒިލް (31އ) ކަމަށެވެ.
ފުލުހުން ހާމަކުރިގޮތުގައި އޭނާ ހައްޔަރުކޮށްފައިވަނީ ޑްރަގް އެންފޯސްމަންޓާއި، ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި، ވ. އަތޮޅު ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަންގައި މި އޮގަސްޓު މަހުގެ 20 ވަނަ ދުވަހު ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުންނެވެ.
މި އޮޕަރޭޝަންގައި، ކެޔޮދޫގައި އޭނާ މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ ދެ ގެއެއް ބަލައިފާސްކޮށްފައިވާ ކަމަށާއި، އެ ބަލައިފާސްކުރުމުގެ ތެރެއިން، މަސްތުވާތަކެތި ކަމަށް ބެލެވޭ 265.01 ގުރާމުގެ ތަކެތި ފެނިފައިވާކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލައާ ގުޅިގެން އޭނާ 10 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.













