ދިވެހިރާއްޖޭގެ މަސްވެރި ސިނާއަތް ކުރިއަރުވައި، އެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތައް ބާރުވެރިކުރުވުމުގެ މަގުސަދުގައި ވޯލްޑް ބޭންކުގެ އެހީގައި ހިންގާ ޓްރާންސްފޯ ޕްރޮޖެކްޓުގެ ”އާރުވެރި މެޗިންގ ގްރާންޓް“ ސްކީމް ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.
މި ސްކީމް ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ އެކަމަށްޓަކައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމެވެ. ޖުމްލަ 278 މިލިއަން ރުފިޔާގެ ބަޖެޓަކާއެކު ފަރުމާކޮށްފައިވާ މި ގްރާންޓް ސްކީމަކީ މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވައި މާލީ ގޮތުން ބާރުވެރިކުރުމަށް މިހާތަނަށް އެޅުނު އެންމެ މުހިންމު އެއް ފިޔަވަޅެވެ. މި ސްކީމްގެ ދަށުން ހާއްސަ 7 ދާއިރާއަކަށް އިސްކަންދެވިފައިވާއިރު، މި ސްކީމަށް އެދި ހުށަހަޅައިގެން ފާސްވާ މަޝްރޫއުތަކުގެ ހަރަދުގެ 40 އިންސައްތަ ހަމަޖައްސައިދޭނީ ހިލޭ އެހީގެ ގޮތުގައެވެ.
މި ސްކީމްގެ މައިގަނޑު މަގުސަދުތަކުގެ ތެރޭގައި މަސްވެރި ސިނާއަތުގައި ބޭނުންކުރާ ހަކަތަ ސަމަކާރަކުރުމާއި، ދެމެހެއްޓެނިވި އުފެއްދުންތެރިކަމުގެ އުސޫލުތައް ކުރިއެރުވުމާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފަހި މާހައުލެއް ގާއިމުކޮށްދިނުން ހިމެނެއެވެ. މީގެ އިތުރުން، ނަފާވެރި ސިނާއަތެއްގެ ގޮތުގައި މެރިކަލްޗަރ ތަރައްގީކުރުމާއި، އަގު އެއްކުރި މަހުގެ އުފެއްދުންތައް އިތުރުކުރުމަށް ބޭނުންވާ ނިޒާމުތައް ގާއިމުކުރުމުގެ އިތުރުން، އަންހެނުންނާއި ޒުވާނުންނަށް ވިޔަފާރިއާއި ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުން ވެސް މި ސްކީމްގެ ދަށުން ހިމެނެއެވެ.
ވަޒީރު އަޙްމަދު ޝިޔާމް "އާރުވެރި މެޗިންގް ގްރާންޓް ސްކީމް" ރަސްމީކޮށް އިފްތިތާޙްކޮށްދެއްވައިފިއެވެ.
"އާރުވެރި މެޗިންގް ގްރާންޓް" ސްކީމަކީ މުހިންމު 7 ދާއިރާއަކަށް ޚާއްޞަ އިސްކަމެއް ދީގެން ފަރުމާކޮށްފައިވާ ސްކީމެކެވެ. މި ސްކީމުގެ ދަށުން ހުށަހަޅައި ފާސްވާ މަޝްރޫޢުތަކުގެ ޖުމްލަ… pic.twitter.com/9FpjD9z3Pe
— Min of Fisheries, Agriculture and Ocean Resources (@MFAORmv) August 20, 2026
މި ގްރާންޓް ސްކީމާ ގުޅޭ އެންމެހައި މައުލޫމާތުތަކާއި، ސްކީމްގެ ދާއިރާތަކުގެ ތަފުސީލު ލިބޭނެހެން އަދި ފަސޭހަކަމާއެކު އެޕްލިކޭޝަން ހުށަހެޅޭނެ ހާއްސަ ޕޯޓަލެއް މިހާރު ވަނީ އާންމުކޮށް ހުޅުވާލައިފައެވެ.
މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ އަމިއްލަ ކުންފުނިތަކާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާއި، މަސްވެރިންނާއި ވަކިވަކި ފަރުދުންގެ ވިޔަފާރިތަކުގެ ދެމެހެއްޓެނިވިކަމާއި ވާދަވެރިކަން ކަށަވަރުކޮށް، މުޅި ސިނާއަތުގެ ފުދުންތެރިކަން އިތުރުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ އެންމެ މުހިންމު އެއް ސިޔާސަތެވެ. މި ސްކީމަކީ އެ ސިޔާސަތުތައް ތަންފީޒުކުރުމަށް އެޅުނު ވަރަށް މުހިންމު ބިންގަލެކެވެ.
މި މަސައްކަތަކީ މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ވޯލްޑް ބޭންކުގެ އެހީއާއި އެކު ހިންގާ ޓްރާންސްފޯރމިންގ ފިޝަރީޒް މެނޭޖްމަންޓް އިން ސައުތު ވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް މޯލްޑިވްސް ނުވަތަ ޓްރާންސްފޯމް ޕްރޮޖެކްޓްގެ ދަށުން ކުރިއަށް ގެންދާ މަސައްކަތެކެވެ. ޓްރާންސްފޯމް ޕްރޮޖެކްޓްގެ މަޤުޞަދަކީ ހެކިތަކަށް ބިނާކޮށް، ސައުތު ވެސްޓް އިންޑިއަން އޯޝަން ސަރަހައްދުގައި މަސްވެރިކަން މެނޭޖްކުރުން ވަރުގަދަ ކުރުމާއި، ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތުގެ ވާދަވެރިކަން އިތުރުކޮށް ވަރުގަދަ ކުރުމެވެ. 2023 ވަނަ އަހަރު ފަށާފައިވާ، 64.8 މިލިއަން އެމެރިކާ ޑޮލަރުގެ މި މަޝްރޫޢު ނިމެން ހަމަޖެހިފައިވަނީ 2030 ވަނަ އަހަރުއެވެ.













