ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ފޯރުކޮށްދޭ އެންމެހައި އިދާރީ ޚިދުމަތްތައް އެއް ފުރާޅެއްގެ ދަށުން، ލުއިފަސޭހަކަމާއެކު ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ މަޤްޞަދުގައި ޚާއްޞަ މޯބައިލް އެޕްލިކޭޝަނެއް އިފްތިތާޙުކޮށްފިއެވެ.
ވެމްކޯއިން މަޢުލޫމާތު ދެއްވި ގޮތުގައި، އަލަށް ތަޢާރަފުކުރި މި އެޕްލިކޭޝަނަކީ ކަސްޓަމަރުންނަށް އޮފީހަށް ނުގޮސް ގޭގައި ތިބެގެން ކުނި މެނޭޖްކުރުމާ ގުޅޭ ހުރިހާ ޚިދުމަތްތަކަކަށް އެދުމުގެ މަގުފަހިކޮށްދިނުމަށް އެކުލަވާލާފައިވާ ޑިޖިޓަލް ޕްލެޓްފޯމެކެވެ. މިއެޕް ބޭނުންކުރަން ފެށުމަށް ހަމަޖެހިފައިވަނީ ރައްކާތެރިކަމާއެކު ’އީފާސް‘ މެދުވެރިކޮށް ލޮގިންވެގެންނެވެ.
މި އެޕްލިކޭޝަންގެ ސަބަބުން ކުނި އުކާލުމުގެ ޚިދުމަތަށް އަލަށް އެދޭ ފަރާތްތަކަށް ރަޖިސްޓްރީވުމުގެ ފުރުޞަތު ފަހިވެގެންދާއިރު، ވަކިވަކިން ކުނި އުކާލަން ބޭނުންވާ ފަރާތްތަކަށް އެކަމަށް ރިކުއެސްޓް ކުރުމުގެ ލުއިފަސޭހަކަން ލިބިގެންދާނެއެވެ. މީގެއިތުރުން، ޚިދުމަތްތަކާ ގުޅޭ އެންމެހައި ޝަކުވާތައް ހުށަހެޅުމާއި، އެ ޝަކުވާތަކަށް އަޅަމުންދާ ފިޔަވަޅުތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ވަގުތުން ބަލައިލެވޭނެ އިންތިޒާމުވެސް ވަނީ ހަމަޖައްސާފައެވެ. އަދި ކަސްޓަމަރުންނަށް ބޭނުންވާ މަޢުލޫމާތު ސާފުކޮށްދިނުމަށް ވެމްކޯގެ އެޖެންޓުންނާ ވަގުތުން ވާހަކަދެއްކޭނެ (ލައިވް ޗެޓް) ފީޗާއެއްވެސް މި އެޕްގައި ހިމެނެއެވެ.
ފައިސާ ދެއްކުމުގެ މުޢާމަލާތްތަކަށް ބަލާއިރު، މި އެޕް މެދުވެރިކޮށް މިހާރުގެ ބިލުތަކާއި ކުރީގެ ބިލުތަކުގެ ތަފްޞީލު ބަލައިލުމުގެ އިތުރުން، އޮންލައިންކޮށް ފައިސާ ދެއްކުމުގެ އިންތިޒާމުވެސް ވަނީ އެކުލަވާލާފައެވެ. އެޕަލް އެޕް ސްޓޯރ އަދި ގޫގުލް ޕްލޭ ސްޓޯރުން މިހާރު މި އެޕްލިކޭޝަން ހިލޭ ޑައުންލޯޑް ކުރެވޭނެއެވެ.
ގްރޭޓަރ މާލެ ސަރަޙައްދާއި ރާއްޖޭގެ ހުރިހާ ސިޓީތަކެއްގެ އިތުރުން، އާބާދީ ބޮޑެތި ރަށްރަށުގައިވެސް ވެމްކޯއިން އަންނަނީ ކުނި މެނޭޖްކުރުމުގެ ޚިދުމަތްތައް ފުޅާދާއިރާއެއްގައި ފޯރުކޮށްދެމުންނެވެ. މި އައު އެޕްލިކޭޝަނަކީ ވެމްކޯގެ ޚިދުމަތްތައް ޒަމާނީ ފެންވަރަކަށް ތަރައްޤީކޮށް، އާންމުންނަށް ލިބޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.










