މަސްވެރިކަމާއި، ދަނޑުވެރިކަމާއި އަދި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ ފަރާތުން ހިންގާ މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމެންޓް ޕްރޮގްރާމްގެ ދަށުން، 2026 ވަނަ އަހަރުގެ ދެވަނަ ބޭސިކް މެރިކަލްޗަރ ޓްރެއިނިންގ ކޯސް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
މި ތަމްރީން ޕްރޮގްރާމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ”ހަފްތާ 14“ މަގުޗާޓުގައި ހިމަނުއްވާފައިވާ ޙަރަކާތްތަކުގެ ތެރެއިން ފެށިގެން ކުރިއަށްގެންދެވޭ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ މައިގަނޑު މަޤުޞަދަކީ ފަރުމަސް އާލާކުރުމަށް ބޭނުންވާ ހެޗަރީތައް ޤާއިމުކުރާނެ ގޮތާއި އެކުއަކަލްޗަރގެ މުހިންމު ހުނަރުތައް ޒުވާނުންނަށް ދަސްކޮށްދީ، ރާއްޖޭގައި ދެމެހެއްޓެނިވި ގޮތެއްގައި މެރިކަލްޗަރގެ ސިނާއަތެއް ޤާއިމުކުރުމަށްޓަކައި މި ދާއިރާއިން މީހުން ބިނާކުރުމެވެ.
ކ. މަނިޔަފުށީ ރިސާރޗް އެންޑް ޓްރެއިނިންގ ފެސިލިޓީގައި މި އޮގަސްޓް މަހުގެ 08 އިން 19 އަށް ކުރިއަށްގެންދިޔަ މި ކޯހުގައި ރާއްޖޭގެ އެކި އަތޮޅުތަކުން ޖުމްލަ 8 ބައިވެރިން ބައިވެރިވެ ތަމްރީނު ފުރިހަމަކޮށްފައިވެއެވެ.
މި ކޯސް ނިންމުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމެވެ.

މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓުން އިންތިޒާމުކޮށްގެން، ވޯލްޑް ބޭންކުގެ އެހީގައި މިނިސްޓްރީން ހިންގާ ޓްރާންސްފޯމް ޕްރޮޖެކްޓުގެ އެހީތެރިކަމާއެކު ކުރިއަށްގެންދިޔަ މި ކޯހަކީ ރާއްޖޭގައި މެރިކަލްޗަރ ސިނާއަތެއް ތަރައްޤީކުރުމަށް ބޭނުންވާ ދިވެހި ފަންނުވެރިން އުފެއްދުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.
މި ކޯހުގައި އެކުއަކަލްޗަރގެ ނިޒާމުތަކާއި، ދިރޭ ކާނާ އާލާކުރުމާއި، ފާނައާއި ހުއިފިލަނޑާ އަދި ދިވެހި މާގަނޑުމަސް ވިއްސައި ބޮޑުކުރުމުގެ އަމަލީ ތަޖުރިބާ ވަނީ ފޯރުކޮށްދީފައެވެ. މީގެއިތުރުން، އިތާމުތާއި ސީވީޑް އާލާކުރުމާއި، އާލާކުރާ ދިރުންތަކަށް ޖެހޭ ބަލިތައް ދެނެގަނެ ރައްކާތެރިވުމުގެ ފިޔަވަޅުތަކާއި، ތިމާވެށްޓަށް ގެއްލުން ކުޑަވާނެހެން މި މަސައްކަތްތައް ކުރިއަށްގެންދާނެ ގޮތްތައް ބައިވެރިންނަށް ވަނީ ދަސްކޮށްދީފައެވެ.
މި ޕްރޮގްރާމްގެ ދަށުން ބާއްވާ ތިންވަނަ ކޯސް އާންމުންނަށް ހުޅުވާލައިގެން މިއަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް މަސްވެރިކަމާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވައެވެ.











