ވިލިމާލޭގެ އިންޑަސްޓްރިއަލް ޒޯން ސަރަހައްދުގައި ސާފުތާހިރުކަން ކުޑަކޮށް ބިންމަތީގައި ސަތަރި އަޅައިގެން މަސް ހިއްކަމުންދިޔަ މައްސަލައެއް ފެންމަތިވެ، އެކަން އިސްލާހުކުރުމަށް ކަމާއިބެހޭ ފަރާތްތަކުން އަންގައިފިއެވެ.
މާލެ ސިޓީ ކައުންސިލުން ފޮޓޯތަކާއެކު ސޯޝަލް މީޑިއާގައި އާންމުކުރި ޕޯސްޓެއްގައި ހާމަކޮށްފައިވާ ގޮތުގައި، މި މައްސަލަ ފާހަގަކުރެވުނީ ވިލިމާލެ ކޮމިއުނިޓީ އެންގޭޖްމެންޓް ޔުނިޓުގެ މުވައްޒަފުން ރަށުތެރެ ޕެޓްރޯލްކޮށް ބަލަހައްޓަމުން ދިޔަ ދިޔުމުގެ ތެރޭގައެވެ. އެގޮތުން، އެ ސަރަހައްދުގައި ވަޅޯމަސް ތައްޔާރުކުރާ ބައެއް ފަރާތްތަކުން، އެއްވެސް ރައްކާތެރިކަމެއް ނެތި ސާފުތާހިރުކަން ކުޑަކޮށް ބިންމަތީގައި ސަތަރި އަޅައިގެން އޭގެ މަތީގައި މަސް ހިއްކަން ބަހައްޓާފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ކައުންސިލުން ބުނެއެވެ.
ވިލިމާލެ އިންޑަސްޓްރިއަލް ޒޯން ސަރަހައްދުގައި ސާފްތާހިރުކަން ކުޑަކޮށް ކާބޯތަކެތި ގެންގުޅޭ މައްސަލައާއި ގުޅޭ:
ވިލިމާލެ ކޮމިއުނިޓީ އެންގޭޖްމެންޓް ޔުނިޓުގެ މުވައްޒަފުން ރަށުތެރެ ޕެޓްރޯލްކޮށް ބަލަހައްޓަން އުޅުމުގެ ތެރޭގައި ވިލިމާލޭގެ އިންޑަސްޓްރިއަލް ޒޯން ސަރަހައްދުގައި ވަޅޯމަސް… pic.twitter.com/VKzjnfDP0m— Malé City Council (@MaleCitymv) August 18, 2026
މި މައްސަލަ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމް.އެފް.ޑީ.އޭ) އަށް ރަސްމީކޮށް ހުށަހެޅުމާ ގުޅިގެން، އެމް.އެފް.ޑީ.އޭ އާއި ވިލިމާލެ ކޮމިއުނިޓީ އެންގޭޖްމެންޓް ޔުނިޓް ގުޅިގެން ވަނީ ވިލިމާލޭގެ އިންޑަސްޓްރިއަލް ޒޯނުގައި އެފަދައިން ހުރި ތަންތަން އިންސްޕެކްޓްކޮށް ބަލައިފައެވެ. އަދި އިންސްޕެކްޝަނަށްފަހު، އެ ތަންތަން ހިންގާ ފަރާތްތަކަށް އެކަންކަން ވަގުތުން އިސްލާހުކުރުމަށް ވަނީ އަންގާފައެވެ.
އާންމު ސިއްހަތަށް ނުރައްކާވާ ގޮތަށް އަދި ސާފުތާހިރުކަން ކުޑަކޮށް ކާބޯތަކެތި ތައްޔާރުކޮށް ގެންގުޅުމަކީ ގާނޫނީ ގޮތުން މަނާކަމެއް ކަމަށްވާތީ، ވިލިމާލޭގެ އިންޑަސްޓްރިއަލް ޒޯން ސަރަހައްދުގައި ވަޅޯމަސް ތައްޔާރުކުރާ އެންމެހައި ފަރާތްތަކުން މިފަދަ އަމަލުތައް ނުކުރުމަށާއި، ކަނޑައެޅިފައިވާ މިންގަނޑުތަކާ އެއްގޮތަށް އަމަލުކުރުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.













