ދިވެހިރާއްޖޭގައި މެރިކަލްޗަރގެ ދާއިރާ ތަރައްޤީކޮށް ފުޅާކުރުމަށްޓަކައި، އެކަމަށް ޚާއްޞަ އިތުރު 10 ޒޯނެއް ސަރުކާރުން ކަނޑައަޅައިފިއެވެ. މިއާއެކު ރާއްޖޭގައި މެރިކަލްޗަރއަށް ޚާއްޞަކުރެވުނު ޒޯންތަކުގެ ޖުމްލަ އަދަދު މިހާރު ވަނީ 15 އަށް އަރާފައެވެ.
ސަރުކާރުން ރާއްޖޭގެ އިޤްތިޞާދު ސިންދަފާތުކޮށް، މެރިކަލްޗަރ ސިނާޢަތެއްގެ ގޮތުގައި ކުރިއެރުވުމަށް ޚާއްޞަ އިސްކަމެއް ދެއްވައިގެން ގިނަ މަސައްކަތްތަކެއް ދަނީ ކުރައްވަމުންނެވެ. އެގޮތުން މީގެ ކުރިންވެސް ފަސް ސަރަޙައްދެއްގައި މެރިކަލްޗަރ ޒޯންތައް ޤާއިމުކޮށް، މި ދާއިރާއަށް ޝައުޤުވެރިވާ އިންވެސްޓަރުންނަށް ބޮޑެތި ލުއިފަސޭހަތަކެއް ވަނީ ފަހިކޮށްދީފައެވެ.
މި ސިނާޢަތް އިތުރަށް ފުޅާކުރުމުގެ ގޮތުން އަލަށް ކަނޑައެޅި 10 ސަރަޙައްދަކީ:
ތ. އަތޮޅުން 2 ސަރަޙައްދު
މ. އަތޮޅުން 3 ސަރަޙައްދު
ފ. އަތޮޅުން 2 ސަރަޙައްދު
ދ. އަތޮޅުން 2 ސަރަޙައްދު
ގއ. އަތޮޅުން 1 ސަރަޙައްދު
މެރިކަލްޗަރ ޒޯންތައް ކަނޑައެޅުމުގެ އިތުރުން، މި އިންޑަސްޓްރީއަށް ބޭނުންވާ ދިވެހި ފަންނީ މަސައްކަތްތެރިން ބިނާކުރުމަށްވެސް ސަރުކާރުން ވަނީ މުހިންމު ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން، މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ”މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމް“ ވަނީ ކާމިޔާބުކަމާއެކު ފަށާފައެވެ.
ރާއްޖޭގެ ކަނޑުގެ ވަސީލަތްތަކުން އެންމެ އެދެވޭ މަންފާ ހޯދައި، މެރިކަލްޗަރ ދާއިރާ ކުރިއެރުވުމަށް ސަރުކާރުން ދެއްވާ މިފަދަ ޚާއްޞަ އަހައްމިއްޔަތުކަމުގެ ސަބަބުން، ކުރިއަށް އޮތް އަހަރުތަކުގައި މި ދާއިރާއިން ރާއްޖޭގެ އިޤްތިޞާދަށް ބޮޑެތި ކުރިއެރުންތަކަކާއި އާމްދަނީގެ އައު ދޮރުތަކެއް ހުޅުވިގެންދާނެ ކަމަށް ސަރުކާރުން އުންމީދު ކުރެއެވެ.








