ވިހެއުމަށްފަހު ތުއްތު ދަރިފުޅު މަންމަގެ ނުރުހުމުގައި ނުހައްގުން ދައުލަތުގެ ބެލުމުގެ ދަށަށް ނަގާފައިވާ ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައިގެ ތަހުގީގުގައި ހެކިތަކާއި ގަރީނާތައް ދިރާސާކުރުމުގެ މަސައްކަތް ފަށައިފިއެވެ.
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ބުނީ، މި މައްސަލައިގެ ތަހުގީގަށް ބޭނުންވާ ވަރަށް ގިނަ މައުލޫމާތު މިހާރު ހޯދިފައިވާ ކަމަށެވެ. އަދި ތަހުގީގު ފުރިހަމަކުރުމަށްޓަކައި އިތުރަށް ބޭނުންވާ އެންމެހައި ހެއްކާއި މައުލޫމާތުތައް ހޯދުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށާއި، ވަރަށް އަވަހަށް އެ މައުލޫމާތުތައް އެއްކޮށް ނިންމާލެވޭނެ ކަމަށް ވެސް އެ ކޮމިޝަނުން ފާހަގަކުރެއްވިއެވެ.
އުފަންވުމާއެކު ދައުލަތަށް ކުއްޖަކު ނެގުމުގައި، އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން އަމަލުކޮށްފައިވާ ގޮތް ބެލުމަށް، ކޯޓު އަމުރެއްގެ ދަށުން އެޗްއާރްސީއެމުން ވަނީ އެ ވުޒާރާއަށް ގޮސް ބަލައި ފާސްކޮށްފައެވެ. އެގޮތުން، ހުޅުމާލޭގައި ހުންނަ އެ ވުޒާރާގެ އޮފީހަށް އެ ކޮމިޝަނުގެ ޓީމެއް ގޮސް، ސުވާލުކުރަންޖެހޭ ފަރާތްތަކާ އިންޓަވިއުކޮށް، މައްސަލައާ ގުޅޭ ލިޔެކިޔުންތައް ވަނީ ބަލާފައެވެ. މި ތަހުގީގަށް އެ ވުޒާރާގެ ފަރާތުން ފުރިހަމަ އެއްބާރުލުން ލިބެމުންދާ ކަމަށް އެޗްއާރްސީއެމުން ވިދާޅުވެއެވެ.
ވިހެއުމަށްފަހު ތުއްތު ދަރިފުޅު މަންމަގެ ނުރުހުމުގައި ނުހައްގުން ދައުލަތުގެ ބެލުމުގެ ދަށަށް ނަގާފައިވާ ކަމަށް ބުނާ މައްސަލައިގެ ތަޙުޤީޤުގެ ބޭނުމަށް، މައްސަލައާ ގުޅުންހުރި ވަރަށް ގިނަ މައުލޫމާތު މިހާރު ވަނީ ހޯދާ ލިބިފައެވެ
މިހާރު ކުރިޔަށްދަނީ ހެކިތަކާ ގަރީނާ ތަކުގެ ދިރާސީ…
— HRC of the Maldives (@hrcmv) August 18, 2026
އިންސާނީ ހައްގަކަށް އުނިކަމެއް އަތުވެދާނެ ފަދަ ކަންކަމުގައި އަމިއްލައަށް އިސްނަގައިގެން މައްސަލަ ބެލުމުގެ ގާނޫނީ ބާރު އެޗްއާރްސީއެމަށް ލިބިފައިވާއިރު، މި މައްސަލައިގައި ކުއްޖާ ދައުލަތަށް ނެގި ގޮތާމެދު އާންމުންގެ މެދުގައި ވަނީ ބޮޑެތި ކަންބޮޑުވުންތަކެއް އުފެދިފައެވެ.
ނަމަވެސް، ކަމާބެހޭ ވުޒާރާއިން ހާމަކުރައްވާފައިވާ ގޮތުގައި، ކުއްޖާ ދައުލަތުގެ ބެލުމުގެ ދަށަށް ނަގާފައިވަނީ ގާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން، އާއިލާގެ ފަރާތުން ކުއްޖާގެ ރައްކާތެރިކަން ކަށަވަރުނުވާ ހާލަތެއް މެދުވެރިވުމުންނެވެ. އެހެންނަމަވެސް، އެޗްއާރްސީއެމުން މިހާރު ދަނީ މިކަމުގައި އިޖުރާއާތުތައް ފުރިހަމަކޮށްފައިވޭތޯ ހޯދައި ބެލުމަށް ފުރިހަމަ ތަހުގީގެއް ހިންގަމުންނެވެ.












