ރާއްޖޭގެ ފަޅު ރަށްރަށާއި ފަޅުތައް އެކިއެކި ބޭނުންތަކަށް ކަނޑައަޅައި، އެތަންތަން ކުއްޔަށް ދިނުމާ ބެހޭ އާ ގާނޫނެއް ފާސްކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށްފިއެވެ.
ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް މި ބިލު ހުށަހެޅުއްވީ، ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސަޢުދުﷲ ޙިލްމީއެވެ. މި ބިލު ފާސްކުރީ، ކޮމިޓީ ބައްދަލުވުމުގައި ބައިވެރިވި 76 މެންބަރުންގެ ތެރެއިން 66 މެންބަރުންގެ އިއްތިފާގުންނެވެ. އެ ބިލު ފާސްކުރުމާ ދެކޮޅަށް 10 މެންބަރަކު ވޯޓުދެއްވާފައިވެއެވެ.
މި ބިލުގެ މައިގަނޑު މަގުސަދަކީ، މިހާރު އަމަލު ކުރަމުންދާ، ދިވެހިރާއްޖޭގެ ފަޅު ރަށްރަށާ ބެހޭ ގާނޫނު އުވާލައި، ރާއްޖޭގެ ފަޅުރަށްރަށާއި ފަޅުތައް އެކި ބޭނުންތަކަށް ކަނޑައެޅުމަށާއި، ކުއްޔަށް ދިނުމާއި، ވަކި ބޭނުމަކަށް އެކަށައެޅިފައި ނުވާ ފަޅުރަށްރަށް ވަރުވާއަށް ލިޔެދިނުމުގެ އިތުރުން އެފަދަ ފަޅުރަށްރަށާއި ފަޅުތަކާ ބެހޭ ހަރުދަނާ އުސޫލުތަކެއް ކަނޑައެޅުމެވެ.
މީގެ އިތުރުން އެކި ބޭނުންތަކަށް ފަޅުރަށްރަށާއި ފަޅުތައް އެކަށައެޅުމުގެ އުސޫލުތަކާއި އެފަދަ ފަޅުރަށްރަށާއި ފަޅު ކުއްޔަށްދިނުމުގެ އުސޫލުތަކާއި ޝަރުތުތަކާއި އިޖުރާއަތްތައް ކަނޑައެޅުމަކީ ވެސް މި ބިލުގެ މަގުސަދެކެވެ. ބިލުގައި ބަޔާންކޮށްފައިވާ ގޮތުން ފަޅުރަށްރަށާއި ފަޅުތައް އެކި ބޭނުންތަކަށް އެކަށައަޅާނީ ރައީސުލްޖުމްހޫރިއްޔާއެވެ. އެގޮތަށް ފަޅުރަށްރަށް، އެކަށައެޅޭނީ ނުވަ ބޭނުމަކަށް ކަމަށް ވެސް ބިލުގައި ފާހަގަކޮށްފައިވެއެވެ.
އެގޮތުން ފާހަގަކޮށްފައިވާ ބޭނުންތަކަކީ:
- ފަތުރުވެރިކަމުގެ ބޭނުންތަކަށް
- ސިނާއީ ބޭނުންތަކަށް
- މަސްވެރިކަމުގެ ބޭނުންތަކަށް
- ދަނޑުވެރިކަމުގެ ބޭނުންތަކަށް
- އިގުތިސޯދީ އެހެން ބޭނުންތަކަށް
- އިޖްތިމާއީ ބޭނުންތަކަށް
- ދައުލަތުގެ ބޭނުންތަކަށް
- އެހެން ގާނޫނެއްގައި ކަނޑައަޅާފައިވާ ހާއްސަ ބޭނުމަކަށް
މި ގާނޫނުގެ ދަށުން ފަޅުރަށެއް ކުއްޔަށް ދެވޭނީ 21 އަހަރު ދުވަހުގެ މުއްދަތަށެވެ. ނަމަވެސް ކުއްޔަށް ހިފަން އެދޭ ފަރާތުން، އެރަށް ކުއްޔަށް ހިފަން ހުށަހަޅާ މުއްދަތަކީ 21 އަހަރަށްވުރެ ކުރު މުއްދަތަކަށްވެފައި، އެ މުއްދަތަށް ކުއްޔަށް ދިނުމަކީ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދު ހުއްދަކުރާ ކަމެއް ކަމުގައިވާ ނަމަ، ގަވާއިދުގައި ކަނޑައަޅާ ގޮތުގެ މަތިން އެއަށްވުރެ ކުރު މުއްދަތަކަށް އެ ރަށް ކުއްޔަށްދޫކުރުމުގެ އިހުތިޔާރު ކަމާބެހޭ މިނިސްޓްރީއަކަށް ނުވަތަ ކައުންސިލަކަށް ލިބިގެންވެއެވެ. މީގެ އިތުރުން ކުއްޔަށްދީފައިވާ މުއްދަތު ހިމެނޭ ގޮތަށް 50 އަހަރުގެ މުއްދަތަށް އެ ރަށުގެ ކުލީގެ މުއްދަތު އިތުރުކޮށްދިނުމުގެ އިހުތިޔާރު ކަމާބެހޭ މިނިސްޓްރީއަކަށް ނުވަތަ ކައުންސިލަކަށް ލިބިދީފައިވެއެވެ.
ބިލުގައި ބަޔާންކޮށްފައިވާ ގޮތުގައި، މި ގާނޫނުގެ ދަށުން ކުއްޔަށް ދޫކުރާ ފަޅު ރަށްރަށުން ކުލި ނަގާނީ، ސިނާއީ އަދި އިގުތިސާދީ ބޭނުމަށް ދޫކުރާ ނަމަ، އަކަމީޓަރަކަށް އަހަރަކު ތިން ރުފިޔާ، މަސްވެރިކަމާއި ދަނޑުވެރިކަމުގެ ބޭނުމަށް، އަކަ މީޓަރަކަށް އަހަރަކަށް ދެ ރުފިޔާ 50 ލާރި، އަދި އިޖުތިމާއީ ބޭނުމަށް، އަކަމީޓަރަކަށް އަހަރަކަށް ދެ ރުފިޔާގެ މަގުންނެވެ.
މީގެ އިތުރުން ފަޅު ކުއްޔަށް ދޫކުރެވޭނީ، ލާޖް ސްކޭލް ސިނާއީ މަސައްކަތްތައް ކުރުމަށާއި މީޑިއަމް ސްކޭލް ސިނާއީ މަސައްކަތްތަކަށާއި ލާޖް ސްކޭލް އިގުތިސާދީ މަސައްކަތްތަކަށާއި އެކުއާކަލްޗަރ ނުވަތަ އެކުއާކަލްޗަރާ ގުޅުންހުރި ހަރަކާތްތައް ހިންގުމަށެވެ. އަދި ވަރުވާއަށް ލިޔެދެވޭ ރަށްތަށް ދޫކުރެވޭނީ، ދިވެހި ރައްޔިތުންނަށާއި ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ގާނޫނީ ޝަހްސެއްގެ އިތުރުން، ކުންފުނި، ޕާޓްނާޝިޕް، އަމިއްލަ ފަރުދުންގެ ވިޔަފާރި، ކޯޕަރޭޓިވް ސޮސައިޓީއަކަށް ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.
ބިލުގައި ބަޔާންކޮށްފައިވާ ގޮތުގައި ގާނޫނާއި ގަވާއިދާ ހިލާފުވާ ފަރާތްތައް 5 ލައްކަ ރުފިޔާއިން ފެށިގެން 1 މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭނެއެވެ.













